ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒްލިފް ރައޫފްގެ ކޮއްކޮ އިންތިފް ރައޫފް، ޝަރީއަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ނުރައްކާތެރި ހަތިޔާރު ގެންގުޅޭ ކަމުގެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނެވެ.

އިންތިފް ހައްޔަރުކުރީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން މާލޭގެ އެކި ސަރަހައްދު ބަލާ ފާސްކުރަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރުކުރީ މއ. ރައުފަތުގެއިންނެވެ. އިންތިފްއާ އެކު އޭނާގެ އަންހެނުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ހަތިޔާރެއް ފެނުނު މައްސަލާގައި ފުލުހުން އިންތިފް ހައްޔަރުކޮށްފައިވާ އިރު ބ. ހިބަޅިދޫ އިން ވެސް ސަލާމަތީ ބާރުތަކުން ވަނީ ގިނަ އަދަދެއްގެ ހަތިޔާރު ހޯދައިފަ އެވެ.

ހަމައެއާ އެކު އިއްޔެ ރ. ދުވާފަރުގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރަނިކޮށް ތަމްރީނުތަކުގައި ބޭނުން ކުރާ ވަޒަންތަކެއް ފުލުހުންނަށް ވަނީ ފެނިފަ އެވެ.