14 Jan 2016, 12:17
އެ ބައްޔަކަށް ފަރުވާއެއް ހޯދިފައި ނުވާ އަދި ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ޕޯލިއޯގެ އެއްވެސް އާ މައްސަލައެއް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ނުފެންނަތާ ފަސް އަހަރުވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޑަބްލިއެއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލްސިންގް އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕޯލިއޯ ފެތުރިފައިވާ ގައުމުތަކުން އެބަލީގެ ވައިރަސް އެތެރެވުމުގެ ނުރައްކާ އޮތް މިންވަރަށް ބަލާއިރު މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
"...ޕޯލިއޯއާ ދެކޮޅަށް ދިފާއު ވަރުގަދަކޮށް، ނުކުޅެދުންތެރި ކުރަނިވި އެ ވައިރަސް އިން ކުޑަކުދިން ހިމާޔަތްކުރުމަށް ސަރަހައްދުގެ ގައުމުތަކުން ކޮށްފައި ވަނީ ސާބަސްދޭން ޖެހޭ ފަދަ މަސައްކަތްތަކެކެވެ." ޑރ. ޕޫނަމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މި ސަރަހައްދުން ޕޯލިއޯ ވައިރަސް އެންމެ ފަހުން ފެނިފައި ވަނީ 2011 ވަނަ އަހަރު އެވެ. އެއީ އިންޑިއާގެ ވެސްޓް ބެންގާލް އިންނެވެ.
ޕޯލިއޯ ނުފެނި ފަސް އަހަރު ދުވަސް ހޭދަވިޔަސް، އެބައްޔާ ދެކޮޅަށް ކުރާ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަން ޑރ. ޕޫނަމް ފާހަގަކުރައްވާފައިވެ އެވެ.
ޕޯލިއޯ ނައްތައިލުމަށް އަހަރުތަކެއް ވަންދެން ކުރި މަސައްކަތް ބޭކާރު ނުވާނެކަން އަހަރެމެން ކަށަވަރު ކުރަން ޖެހެ އެވެ.