އައްޑޫ ސިޓީ ހިތަދޫ ފަޅު ގެއެއްގެ ތެރެއިން ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި ސާމާނުތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުގައި ހަރަކާތްތެރިވަމުންދަނިކޮށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި މަސައްކަތުން އެ ތަކެތި ފެނިފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހިތަދޫ ކޯއްޓޭކޮޅުގައި ހުރި ފަޅު ގެއެއް ބަލާ ފާސްކުރި އިރު އެ ގޭތެރެއިން ކަމަށެވެ.

ފުލުހުން ބުނީ އެ ގެ ބަލައިފާސްކުރި އިރު އެގޭތެރެއިން އުނދުނަކާއި ބަނގުރާކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނާއި 20 ލީޓަރު ހަންތަކެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.