ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ޕްރޮފެސަރު ހަސަން އުގެއިލްގެ ކޮންސަލްޓެންސީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހޯދުމާ ބެހޭ ގޮތުން ޕްރޮފެސަރު ހަސަން އުގެއިލް އާއި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ފުލުހުން ބުނީ އެ ބައްދަލުވުމުގެ މަގްސަދަކީ ސައިންސާއި، ޓެކްނޮލޮޖީ އަދި ބައޯމެޓްރިކް ސައިންސްގެ ބޭނުން ހިފައިގެން އުފައްދާ ހައްލުތަކުގެ ޒަރީއާ އިން ފުލުހުންދޭ ޚިދުމަތްތައް ހަރުދަނާކޮށް އަވަސްކުރުމާއި ހަދަރުކުޑަ ނިޒާމްތައް ތައާރަފްކުރުމަށް ކުރެވެން ހުރި ކަންކަމުގައި ޕްރޮފެސަރު ހަސަން އުގެއިލުގެ ކޮންސަލްޓޭޝަން ހޯދުން ކަމަށެވެ.

އުގެއިލްގެ ކޮންސަލްޓެންސީ ހޯދައިގެން މަސައްކަތްތައް ކުރިޔަށް ގެންދާނެ އަދި ތަރައްގީކުރާނެ ދާއިރާތަކަކާއި ފުލުހުންގެ މުއައްސަސާ އިން ކަނޑައަޅާ މުވައްޒަފުންނަށް ހަސަން އުގެއިލްގެ އިރުޝާދުގެ ދަށުން ތަމްރީނު ދިނުމާއި ކަނޑައެޅޭ ކުދި ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ. އެއާ އެކު ފޮރެންސިކް ދާއިރާ އާއި އައިސީޓީޑީ ދާއިރާ އަދި އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ކުރެވޭނެ ކަންކަން ބަލައި މުވައްޒަފުންނަށް ތަމްރީންނު ދެވިގެން މަސައްކަތްކުރުމަށް ގޮތްތަކެއް ކަނޑައެޅުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވެ އެވެ.

ޕްރޮފެސަރު ހަސަން އުގެއިލްގެ ފަންނީ އެހީތެރިކަން ހޯދުމަށް ޓަކައި ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ޤާއިމް ކުރުމަށް ވެސް ސީޕީ އަރީފާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.