14 Jan 2016, 11:48
ހުޅުމާލޭ ޓާމިނަލް ކައިރި ބަސް ޓޮޕަކާ އެކު ސައިކަލް ޕާކް ކުރާނެ ޒޯންތަކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލޭ ޓާމިނަލްގެ ހުޅަނގު ދެކުނު ފަރާތުގައި ތައްޔާރު ކުރާ ޕާކިން ޒޯންގައި 250 ސައިކަލާއި ބަސްތައް ވެސް ޕާކް ކުރެވޭނެ ކަމަށެވެ.

އަލަށް ހަދާ ޕާކިން ޒޯން-- ސަން ފޮޓޯ: ޝަކީބާ މުހައްމަދު
އެސަރަހައްދު ވަރަށް އަވަހަށް ތަރައްގީކޮށް ނިމި ބަސް ދަތުރުތައް ފަށާ "ބަސް ޓޮޕް" އަކަށް ވެސް އެޒޯން ވެގެންދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ. އަދި މިހާރު ވެސް އެ ސަރަހައްދުގައި ސައިކަލް ޕާކް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސަރަހައްދުގެ ޓުރެފިކް މައްސަލަ ހައްލުކުރުމަށް ޓަކައި މިހާރުން މިހާރަށް ވެސް ސައިކަލް ޕާކް ކުރެވޭނެ ގޮތް އެވަނީ ހަދާފައި." ސައިމަން ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ކާރު ޕާކް ކުރެވޭނެ އިންތިޒާމް ވެސް ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ހަމަޖެހިގެންދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.