ސައުތު އޭޝިއަން ގޭމްސްގައި ބާސްކެޓްގެ ގައުމީ ފިރިހެން ޓީމުގެ އަމާޒަކީ އެންމެ ދަށްވެގެން ރިހި މެޑަލް ހޯދުން ކަމަށާއި މުބާރާތަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ޖެނެރަލް ސެކްރެޓަރީ ޢާރިފު ރިޒާ ވިދާޅުވެއްޖެއެވެ.

ސަންއާ ވާހަކަ ދައްކަމުން ރިޒާ ވިދާޅުވީ، ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ކަޕް ނުވަތަ ސަބާ ޗެމްޕިއަންޝިޕާއި އޭޝިއާގެ އެހެން ބާސްކެޓް މުބާރާތްތަކުގައި ހޯދާފައިވާ ނަތީޖާ ތަކަށް ބަލާފައި ގައުމީ ފިރިހެން ޓީމަށް ސާފް ގޭމްސްގައި ރިހި މެޑަލް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން ލޯ މެޑަލްއެއް ނޫން. އަމާޒަކީ އެންމެ ދަށްވެގެން ރިހި މެޑަލްއެއް ހޯދުން. ސަބާ ޗެމްޕިއަންޝިޕްގައި ދިވެހި ޓީމު ހޯދާފައިވާ ނަތީޖާތަކުން ރިހި މެޑަލް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް،" ރިޒާ ވިދާޅުވިއެވެ.

ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި ބާސްކެޓްގެ އެއްވެސް ޓީމެއް ސައުތު އޭޝިއަން ގޭމްސްއަށް ފޮނުވާ ގޮތަށް ނިންމާފައެއް ނުވެއެވެ.

ރިޒާ ވިދާޅުވީ، ބާސްކެޓްގެ ފިރިހެން ޓީމު މުބާރާތަށް ފޮނުވެނޭ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމަށާއި އެސޯސިއޭޝްނުން ސްޕޮންސަ ހޯދުމުގެ އިތުރަށް ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާވެސް ބައްދަލު ކުރެއްވިކަމަށެވެ.

އަދި މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ކުޅިވަރުގެ ގައުމީ މަޖީލީހުން ނިންމާފައިވާ ނިންމުމުން އަލުން މުރާޖާ ކުރުމުގެ ފުރުސަތު ބޮޑުކަމަށް ރިޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަންހެން ބާސްކެޓް ޓީމު މުބާރާތަށް ފޮނުވުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ޓިމުތައް ފޮނުވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބާސްކެޓް ޓީމަށް ލިބިފައިވަނީ ހަތަރު ވަނައެވެ.

ފިރިހެން ބާސްކެޓް ޓީމުގެ ކޯޗް އަހްމަދު ފަޔާޒު ސަންއާ ވާހަކަ ދައްކަމުން ބުނީ، އެންމެފަހުން ބޭއްވި ގޭމްސްގައި ބާސްކެޓް ޓީމަށް ސަރަހައްދުގެ ހަތަރުވަނަ ލިބިފައިވާއިރު މިއަހަރު މެޑަލްއަކަށް ވާދަ ކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

ފަޔާޒު ބުނީ ޓީމަށް ނުދެވޭކަން އެނގުމުން ކުޅުންތެރިންވަރަށް ބޮޑަށް ޑީމޯޓިވޭޓްވި ކަމަށާއި ނަމަވެސް އެމްބީއޭގެ މަސައްކަތާއެކު ދެވޭނެ ކަމުގެ ޔަގީންކަން ލިބުމުން ކުޅުންތެރިން އާ ރޫހެއްގައި ފަރިތަކުރުންތައް ކުރިއަށްގެންދާ ކަމަށެވެ.