އޮރެންޖަކީ ގިނަ ބަޔަކަށް ވަރަށް މީރު މޭވާ އެކެވެ. ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ އޮރެންޖަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކުން ވެސް މުއްސަނދި މޭވާއެކެވެ.

އޮރެންޖު ކެއުމަށް ފަހު އޭގެ ތޮށިގަނޑު ރައްކާ ކުރާ މީހުން ވެސް ވަކި މަދެއް ނޫނެވެ. އޭގެ ތޮށިގަނޑަކީ ވަސް ގަދަ އަދި ގިނަ ބަޔަކަށް ވަރަށް މީރު ވަސް ދުވާ އެއްޗެކެވެ. އެހެންކަމުން ކޮޓަރި އަދި ބަދިގެ ފަދަ ތަންތަނުގައި މީރު ވަސް ދުއްވަން ވަރަށް ގިނަ މީހުން އޮރެންޖު ތޮށިގަނޑު ބޭނުން ކުރެއެވެ.

އެހެންނަމަވެސް އިނގޭ ހެއްޔެވެ؟ އޮރެންޖުގެ ތޮށިގަނޑު ބޭނުން ކުރެވޭނީ ހަމައެކަނި މީރުވަސް ދުއްވާކަށް ނޫނެވެ. އޭގެ ބަދަލުގައި އިތުރު ކަންތައްތަކަށް ވެސް އޮރެންޖުގެ ތޮށިގަނޑު ބޭނުން ކުރެވިދާނެ އެވެ.

ހަންގަނޑުގެ ތާޒާ ކަމާއި ޒުވާން ކަމަށް

ހަންގަނޑުގެ ރީތި ކަމާއި ޒުވާން ކަން ދެމެހެއްޓުމަށް ވެސް އޮރެންޖުގެ ތޮށިގަނޑު އެހީތެރިވެދެ އެވެ.

އޮރެންޖުގެ ތޮށިގަނޑު އަވީގައި ހިއްކުމަށް ފަހު ގުރައިންޑަރުން ފުނޑާލާށެވެ. އަދި އެ ފުނޑާފައި ހުރި އޮރެންޖު ތޮށީގެ ޕައުޑަރު، ފެން އެއްޗަކަށް އެޅުމަށް ފަހު އެފެނުން ފެން ވަރާށެވެ. ހަންގަނޑު ތާޒާކަން ލިބޭނެ އެވެ.

ހަންގަނޑު ސާފު ކުރުމަށް

އޮރެންޖުގެ ތޮށިތައް ހިއްކުމަށްފަހު ގުރައިންޑަރުން ހިމުންކޮށް ފުނޑާލާށެވެ. އަދި އެއަށް ހަކުރުކޮޅަކާއި އޮލިވް އޮއިލްކޮޅެއް އެއްކޮށްލާށެވެ. އަދި މޫނުގައި މަޑުމަޑުން މަސާޖު ކުރާށެވެ. މަސާޖު ކުރާއިރު ސާކިއުލާ މޯޝަނަށް މަސާޖު ކުރުމަށް ހަނދާން ބަހައްޓާށެވެ. އަދި އެއަށް ފަހު އާދައިގެ ފޭސް ވޮޝް އެއް ބޭނުންކޮށްގެން މޫނު ދޮވެލާށެވެ. އަދި ފެންފޮދަކުން ވެސް ދޮވެލާށެވެ.

އެ ޓުރީޓުމަންޓުން ހަންގަނޑުގައި ހުންނަ ބޭކާރު ސެލްތަކާއި ކުނިބުނިން ހަންގަނޑު ސާފު ކޮށްދޭނެ އެވެ.

ބޮލުން ހަންފޮޅުން ހުއްޓުވުމަށް

އޮރެންޖު ތޮއްޓަށް ހަންފޮޅުމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. އެހެންކަމުން ބޮލުން ހަންފޮޅުމާއި ހިރުވުން ހުއްޓުވުމަށް އޮރެންޖު ތޮށި ބޭނުން ކުރާށެވެ.

ރޭގަނޑު ނިދުމުގެ ކުރިން އޮރެންޖު ތޮށިކޮޅެއް ފެން އެއްޗަކަށް އަޅާށެވެ. އަދި ހެނދުނު ހޭލުމަށް ފަހު އެ ފެން ބޭނުންކޮށްގެން ބޯ މަސާޖު ކުރާށެވެ. ބޯ ހިރުވުމާއި ހަންފޮޅުމަށް ފަސޭހަކަމެއް ލިބޭނެ އެވެ. ކޮންޑިޝަނާ އަކަށް ވެސް އެ ފެން ރަނގަޅުވާނެ އެވެ.

ހަންގަނޑު ދޮން ކުރުމަށް

ފުނޑާފައި ހުރި އޮރެންޖު ތޮށީގެ ޕައުޑާ ކޮޅަކަށް ކުޑަ ކުޑަ ރީނދޫ ކޮޅެއް އަޅާށެވެ. އަދި އެއް މޭޒުމަތީ ސަމްސާ މާމުއި ވެސް އެއަށް އަޅައި އެއްކޮށްލުމަށް ފަހު މޫނުގައި ހާކާށެވެ.

ތިރީސް ވަރަކަށް މިނެޓުފަހުން ދޮވެލާށެވެ. ހަންގަނޑުގެ ކުލަ އަލިވެފައި ތާޒާ ވާނެ އެވެ.

މަދިރިހެފުން ހުއްޓުވުމަށް

މަދިރި ހެފުމަކީ ބައެއް ފަރާތްތަކަށް ވަރަށް ވޭން ހުރި ކަމެކެވެ. ހަމައެހެންމެ، މަދިރިއެއް ހަފައިފި ނަމަ ބައެއް މީހުން ވިހަވެ ބޮޑެތި ނުރައްކަލާ ވެސް ކުރިމަތިލާން ޖެހެ އެވެ.

އެހެންކަމުން މަދިރިހެފުން ހުއްޓުވުމަށް ހަށިގަނޑުގައި އޮރެންޖުގެ ތޮށި ހާކާށެވެ. އޭރުން މަދިރި ހެފުމުން ދުރުވާނެ އެވެ.