14 Jan 2016, 11:23
ސްޕެނިޝް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ރޭ ކުޅުނު މެޗުގައި މުނީރު އަލް ހައްދާދީ ކާމިޔާބް ކޮށްދިން ދެ ގޯލް އިން އެސްޕަނިޔޯލް ބަލިކޮށް އެ މުބާރާތުގެ ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދައިފިއެވެ.
އެސްޕެނިޔޯލްގެ ޕަވާ އެއިޓް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގުގެ މެޗުގެ 32 ވަނަ މިނެޓްގައި ހައްދާދީ ގެ ގޯލުން ބާސާއަށް ލީޑް ނެގި އިރު އެ ގޯލް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އެވެ.
ދެ މެޗަށް ސަސްޕެންޑް ކޮށްފައިވާ ލުއިސް ސުއަރޭޒްގެ ބަދަލުގައި ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ފަހު ކުޅުނު އެ މެޗުގައި ދެ ވަނަ ގޯލް ހައްދާދީ ކާމިޔާބް ކުރީ ދެވަނަ ހާފްގެ 88 އަށް ވަނަ މިނެޓްގައެވެ.
މި ދެ ޓީމު ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު މޮޅުވީ 4-1 އިންނެވެ. އެހެންކަމުން ރޭގެ މެޗުން މޮޅުވުމާ އެކު 6-1 ގެ އެގްރިގޭޓް ނަތީޖާއިން ބާސެލޯނާ ކޮޕާ ޑެލް ރޭގެ ކުއާޓާގެ ޖާގަ އެއް ވަނީ ކަށަވަރު ކޮށްފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނީ، ފުރަތަމަ ލެގްގެ މެޗުން އެ ޓީމް މޮޅުވެފައިވީ ނަމަވެސް ރޭގެ މެޗު ފަސޭހަ ކޮށްނުލާ ކަމަށާއި އެ މެޗަށް ނިކުތީ ވެސް ވަރަށް ސީރިއަސް ކޮށް މެޗު ކާމިޔާބް ކޮށް ކުއާޓާ ފައިންލްގެ ޖާގެ އެއް ހޯދުމަށް ކަމަށެވެ.