14 Jan 2016, 11:03
އާޖެންޓީނާގެ ފުޓްބޯޅަ ތަރި، ލިއޮޮނަލް މެސީގެ ފޭނުން ތަކެއް، މެސީއާ ވާދަވެރި ޕޯޗްގީޒުގެ ތަރި ކްރިސްޓިއާނޯ ރޯނާލްޑޯގެ ސްޓެޗޫއަކަށް ގެއްލުންދީފިއެވެ.
މެސީގެ ފޭނުންތަކެއް ގެއްލުން ދީފައިވަނީ، ޕޯޗްގީޒްގައި ރޮނާލްޑޯގެ ހޯމްޓައުންގައި ބަހައްޓާފައި ހުރި އޭނާގެ ސްޓެޗޫއަކަށެވެ.
އެންމެ ފަހުން ބޭއްވި ފީފާ ބެލަންޑޯ އެވޯޑް ހަފްލާގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސްވަނަ ފަހަރަށް މެސީ އުފުލައިލުމުން އޭނާގެ ސަޕޯޓަރުންތަކެއް ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން، ރޮނާލްޑޯގެ ސްޓެޗޫއަށް ސުޕްރޭކޮށް އޭގައި މެސީގެ ނަން ލިޔެ އަދި މެސީގެ ޖާސީ ނަންބަރުވެސް ކުރަހައިފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ދައްތަ ކޭޓިއާ އެވެއިރޯ (ކ) -- ފޮޓޯ: ޑެއިލީމެއިލް
ޕޯޗްގީޒްގެ ޖަޒީރާއްއެއް ކަމަށްވާ މެޑިއެރާގައި، ރަންވަންލޮއިން ތައްޔާރުކޮށް ބަހައްޓާފައިވާ ރޮނާލްޑޯގެ ބޮޑު ސްޓެޗޫއަށް ގެއްލުންދިން މީހުން، ރޮނާލްޑޯގެ ދައްތަ ކޭޓިއާ އެވެއިރޯ ސިފަކޮށްފައި ވަނީ، "ތަންދޮރު ނުދަންނަ ނާތަހުޒީބު ބައެއް"ގެ ގޮތުގައެވެ. އަދި އޭނާ ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިފަހަރުގެ ފީފާ ބެލަންޑޯ އެވޯޑްގައި މެސީއަށް ވޯޓުގެ 41.33 ޕަސެންޓް ލިބުނެވެ. މެސީއާ އެންމެ ގާތުން ވާދަކުރި ރޮނާލްޑޯއަށް ލިބިފައި ވަނީ ވޯޓުގެ 27.76 ޕަސެންޓެވެ.

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފީފާ ބެލަންޑޯ އެވޯޑް ހަފްލާގައި -- ފޮޓޯ: ޑެއިލީމެއިލް
ޕޯޗްގަލްގެ މެޑެއިރާގެ ވެރިރަށް ފަންޗަލް ސިޓީގައި ރެއާލް މެޑްރިޑްގެ ތަރި ރޮނާލްޑޯގެ ބޮޑު ސްޓެޗޫއެއް ބެހެއްޓީ 2014 ވަނަ އަހަރުއެވެ. އެ ސްޓެޗޫ ބަހައްޓާފައި ވަނީ، ރޮނާލްޑޯ ފުޓްބޯޅައިގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި އަދި އޭނާ ފުޓްބޯޅައަށް ކުރަމުންދާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރީން ކަމަށްވާ ރޮނާލްޑޯއާއި މެސީ ގެ ވާދަވެރިކަމެކޭ އެއްފަދައިން އެ ދެކުޅުންތެރީންގެ ސަޕޯޓަރުންގެ މެދުގައިވެސް، އެއްކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށްވުރެ މޮޅުކަމަށްބުނެ ވަރަށްގިނަ ބަހުސުތައް ހިނގައެވެ.