މިއަހަރުގެ އެންމެ ރަނގަޅު ގާޒީ އާއި މުވައްޒަފުގެ އަގު ވަޒަންކުރަން ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން މިއަދު ބުނީ، މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފިލާ އާއި ހަނދާނީ ލިޔުމާއި ކުލަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެންމެ ރަނގަޅު ގާޒީ އާއި މުވައްޒަފުގެ އަގު ވަޒަންކުރުމުގެ ބޭނުމަކީ މުރާލިކަމާއި ހީވާގިކަމާ އެކު މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ، މަސައްކަތުގެ އަގު ވަޒަންކޮށް މަސައްކަތުގެ ރޫހު އާލާކުރުމާއި ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިޔުން ކަމަށް އެ ކޯޓުން ބުނެއެވެ.

އަގުވަޒަންކުރުމުގެ ހަނދާނީ ފިލައާއި ހަނދާނީ ލިޔުން އަދި ކުލަ، ގާޒީންނަށް ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ނިންމި ގާޒީއަކަށް ވުމާއި ގާޒީއެއްގެ އަތްޕުޅުގައި މައްސަލައެއް އޮންނަތާ ދެ އަހަރުވެފައިނުވުން ހިމެނޭ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

އިދާރީ މުވައްޒަފުންގެ ތެރެއިން މަސައްކަތުގައި ނަމޫނާ މުވައްޒަފާއި ހާޒިރީން ނަމޫނާ މުވައްޒަފު ހޮވުމަށް ނިންމާފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

މަސައްކަތުގައި ނަމޫނާ މުވައްޒަފު ހޮވާއިރު ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި މިއަހަރު މަދުވެގެން ހަ މަސް ދުވަހު އެ ކޯޓުގައި ވަޒީފާ އަދާކޮށްފައިވާ މީހެއްތޯ ބަލާނެއެވެ.

މިއަހަރުގެ ޕާފޯމަންސް އެޕްރައިޒަލުން 80 ޕަސެންޓު ލިބިފައިވުމާއި މިއަހަރުގެ ތެރޭގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމާއި ދިހަ ދުވަހަށްވުރެ ގިނައިން ގަޑިޖެހިފައިނުވުމާއި އެއްވެސް ދުވަހެއްގައި 10 މިނެޓަށްވުރެ ގިނައިން ގަޑިޖެހިފައިވޭތޯ ވެސް ބަލާނެއެވެ.

ހަމައެހެންމެ 15 ސަލާމަށްވުރެ ގިނަވެފައި ނުވުމާއި ކޯޓުން ހިންގި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެފައިވޭތޯ ވެސް ނަމޫނާ މުވައްޒަފު ހޮވާއިރު ބަލާނެއެވެ.

ހާޒިރީން ނަމޫނާ މުވައްޒަފު ހޮވާއިރު 12 މަސް ދުވަހު ވަޒީފާ އަދާކޮށްފައިވޭތޯ އާއި ޕާފޯމަންސް އެޕްރައިޒަލުން 80 ޕަސެންޓު ލިބިފައިވޭތޯ އާއި ފިޔަވަޅެއް އަޅާފައިވޭތޯ އާއި ތިން ދުވަހަށްވުރެ ގިނައިން ގަޑިޖެހިފައިވޭތޯ އާއި އެއްވެސް ދުވަހަކު 10 މިނެޓަށް ވުރެ އިތުރަށް ގަޑިޖެހިފައިވޭތޯ އާއި ކޯޓުން ހިންގާ އިޖުތިމާއީ ކަންކަމުގައި ބައިވެރިވެފައިވޭތޯ ވެސް ބެލުމަށް ވަނީ ހަމަޖެހިފައެވެ.