14 Jan 2016, 10:44
އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ލ. ގާދޫގެ ހުރިހާ އާއިލާއެއް އެ އަތޮޅު ފޮނަދުއަށް ބަދަލުކޮށް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މިހާތަނަށް 100 ށް ވުރެ ގިނަ ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ހޯމަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި މިހާތަނަށް ފޮނަދޫގެ 37 ހައުސިންގ ޔުނިޓަށް މީހުން ބަދަލުކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އެގޮތުން ގާދޫ ރައްޔިތުންގެ ތެރެއިން 117 މީހަކު ފޮނަދުއަށް އިއްޔެ ބަދަލުކޮށްދެވިފައިވާއިރު، ހިފައިގެންގުޅޭ ގެވެހި ސާމާނާއި ދިރިއުޅުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ކަނޑުމަގުން ފޮނަދުއަށް ގެންގޮސް، ލޮރީތަކުގައި ފޮނަދޫގެ ހައުސިންގ ޔުނިޓްތަކަށް ގެންދެވި އާއިލާތަކަށް ހަވާލުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ގާދޫ މީހުން ފޮނަދުއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، މިހާތަނަށް ނިމިފައި ވަނީ 85 ގޭގެ މަސައްކަތެވެ. ހައުސިން މިނިސްޓްރީން ބުނީ އިތުރު ގެތަކުގެ މަސައްކަތް ނިމެންދެން، ފޮނަދޫ އިން ގެ ނުލިބި ތިބި ގާދޫ ރައްޔިތުން ދިރިއުޅޭނީ ހައުސިން މިނިސްޓްރީން ކުއްޔަށް ހިފާފައިވާ ގެތަކުގައި ކަމަށެވެ.
އިތުރު ގެ ތަކުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން އިން ބުނެ އެވެ.
ފޮނަދުއަށް ބަދަލުވާ ގާދޫގެ ކޮންމެ އާއިލާއަކަށް ސަރުކާރުން 60,000 ރުފިޔާ ދިނުމަށް ނިންމާފައި ވާއިރު، މިހާރު އެ ފައިސާ އާއިލާތަކަށް ލިބެމުން ދާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.