14 Jan 2016, 11:33
ބަންގުބަންދު ގޯލްޑްކަޕުގައި މިއަދު މުބާރާތް ބާއްވާ ބަނގުލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ނިކުންނައިރު މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލިފައިވާ ކެމްބޯޑިއާ އަތުން މޮޅުވެފައިވުމަކީ ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް ގައުމީ ޓީމުން ބުނެފިއެވެ.
ގައުމީ ޓީމާއެކު ވަޑައިގެންނެވި އެފްއޭއެމް ނޯމަލައިޒޭޝްން ކޮމިޓީގެ ވައިސް ޗެއާމަން އަޙްމަދު ޝަކީބު (ޑޮކް) ސަން ވިދާޅުވީ، ކެމްބޯޑިއާގެ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތް ހަމަޖެހިފައިވާ ކަމަށާއި ބަނގުލަދޭޝްއާ ދެކޮޅަށް ނިކުންނައިރު އެއީ ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އަފުޣާނިސްތާނާ ދެކޮޅަށް ކެމްބޯޑިއާއިން ރަނގަޅު ނަތީޖާ ތަކެއް ނެރެފައިވާއިރު، އެމެޗްތަކުގައި ކުޅެފައިވާ ގިނަ އަދަދެއްގެ ކުޅުންތެރިން އެޓީމުގައި ހިމެނިފައިވުމުން ބަންގާޅުގެ މީޑިއާތަކުންވެސް އެންމެ އުނދަގޫ އޮޕޯނަންޓެއްގެ ގޮތުގައި ސިފަކޮށްފައިވަނީ ކެމްބޯޑިއާ ކަމަށާއި އެހެންވެ ރާއްޖެއަށް މުބާރާތުގެ ފޭވަރިޓް ޓީމު ބަލިކުރެވިފައިވުމުން މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ނިކުންނައިރު ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބަނގުލަދޭޝްއަށް އައުމުން އެންމެންވެސް ފާހަގަކޮށްފައިވަނީ މުބާރާތުގައި ވާދަ ކުރާ އެންމެ ވަރުގަދަ ޓީމަކީ ކެމްބޯޑިއާކަމަށް. ބަނގުލަދޭޝްގެ މީޑިއާތަކުގައިވެސް ފާހަގަކޮށްފައިވަނީ އެންމެ ވަރުގަދަ އޮޕޯނަންޓަކީ ކެމްބޯޑިއާކަމަށް. އަނެއްކާ އެޓީމުގައި ހިމެނެނީ ހަމަ ސީނިއާ ޓީމެއް. އެހެންވެ ރާއްޖޭގެ ޒުވާން ކުޅުންތެރިން ގިނައިން ހިމެނޭ ޓީމަކުން އެޓީމާ ދެކޮޅަށް މޮޅުވެފައިވުމަކީ ވަރަށް ބޮޑު ހިތްވަރެއް،" ޝަކީބު ވިދާޅުވިއެވެ.
ކެމްބޯޑިއާ އާ ދެކޮޅަށް ކުޅުނު މެޗްގައި އިތުރު ބަދަލެއް ނެތި ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިން މެޗް 90 މިނެޓް ފުރިހަމަކޮށް ފައިވުމުން މިއަދުގެ މެޗްގައި ގިނަ ކުޅުންތެރިންނަށް ފްރެޝްކޮށް މެޗް ފެށުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝަކީބު ވިދާޅުވިއެވެ.
ރާއްޖެއިން ކެމްބޯޑިއާ އާ ދެކޮޅަށް ކުޅުނު މެޗް ކުޅެފައިވަނީ ބަނގުލަދޭޝްގެ ކްރިކެޓް ސްޓޭޑިއަމެއް ކަމުގައިވާ 'ޝަމްސުލް ހުދާ' ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމްގެ ވިނަގަނޑާއި ސްޓޭޑިއަމްގެ އެހެން ފެންވަރާ މެދު ޓީމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރާއްޖެއާ ބަނގުލަދޭޝް މިއަދު ކުޅޭ މެޗް އޮންނާނީ، ރާއްޖޭ ގަޑިން މިއަދު ހަވީރު 5:30 ގައި ބަނގުލަދޭޝްގެ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމް ބަންގުބަންދު ސްޓޭޑިއަމްގައެވެ.
ޑޮކް ވިދާޅުވީ، ބަންގުބަނދު ސްޓޭޑިއަމްއަކީ ޝަމްޝުލް ހުދާއަށްވުރެ ފެންވަރުގެ ގޮތުން ރަނގަޅު ސްޓޭޑިއަމެއް ކަމުގައިވުމުން އެ މެޗްގައި ދިމާވި މައްސަލަތައް ކުޑަ ކުރެވޭނެ ކަމަށެވެ.