ޖަކާޓާ (ޖެނުއަރީ 14): އިންޑޮނޭޝިއާގެ ޖަކާޓާގައި ބޮންތަކެއް ގޮއްވާލައި ބަޑީގެ ހަމަލާތަކެއް މިއަދު ދީފި އެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ހަ ސަރަހައްދެއްގައި ބޮން ގޮއްވާލާފައިވެ އެވެ. އަދި ބަޑިން ހަމަލާދިނުމުގެ ސަބަބުން ތިން މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރެއިން އެއް ބޮމުގެ ހަމަލާދީފައި ވަނީ ޖާނުންފިދާވެގެން ކަމަށް ފުލުހުން ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެންމެ ބޮޑު ގޮވުމެއް ހިނގީ ޖަކާޓާގައި ހުންނަ ޔޫއެންގެ މައިއޮފީހުގެ ޗެކްޕޮއިންޓެއް ކައިރީ އެވެ. އެހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ހުރި ސްޓާބަކްސް އަކަށް ވެސް ގެއްލުންވެފައިވާ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުން ޝެއާކޮށްފައިވާ ފޮޓޯތަކުން ފެނެ އެވެ.

މީގެ އިތުރުން ސަރީނާ ޝޮޕިން ސެންޓާ ނަމަކަށް ކިޔާ ޝޮޕިން މޯލްއެއްގެ ކުރިމަތީ އާއި އިންޑޮނޭޝިއާގެ ރައީސް ދިރިއުޅުއްވާ ގެކޮޅު ކައިރީ ވެސް ބޮމެއް ގޮއްވާލާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޖަކާޓާގެ ރައްޔިތުން ގެއިން ބޭރަށް ނުދިޔުމަށާއި ގޭގެ ކުޑަދޮރާއި ކައިރިނުވުމަށް ފުލުހުން މިހާރު ވަނީ އަންގާފަ އެވެ. (ނޫސްއޭޖެންސީތައް)