ޓެލްއަވީވް (ޖަނަވަރީ 14) : އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ މީހުން މެރުމުގެ އަމަލުތަކަކީ އާންމު މައިދާންތަކުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުތަކެއް ކަމަށް ސްވިޑްންގެ ޚަރިޖީ ވަޒީރާ މާގޮޓް ވޯލްސްޓްރޮމް ސިފަކުރެއްވުމުން އިސްރާއީލުގެ ހަރުކަށި ލީޑަރުން ރުޅިގަދަވެއްޖެ އެވެ.

މިއާ އެކު އިސްރާއީލުގެ ސަރުކާރުންވަނީ އެގައުމުގައި ހުންނަވާ ސްވިޑްންގެ ސަފީރު ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް ވަރަށް ހަރުކަށިބަހުން އޭނާއާ މުޚާތަބުކޮށް ސްވިޑްންގެ ޚަރިޖީ ވަޒީރާގެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި ވޯލްސްޓްރޮމް ބަޔާނުގެ ސަބަބުން ސްވިޑްންއާއި އިސްރާއީލުގެ ގުޅުންތަކަށް ބުރޫއަރާނެ ކަމުގެ އިންޒާރު ވެސް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ސްވިޑްންގެ ސަފީރަށް ދިންކަމަށް ވެ އެވެ.
އިސްރާއީލާއި ސްވިޑްން އާ ދެމެދު ޖެހިފައިވާ އެންމެ ބޮޑު މައްސަލައަކީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބު ސްވިޑްންއިން ފަލަސްތީނުގެ ދައުލަތަށް ރަސްމީގޮތުން އިއްތިރާފްވެ ސްޓޮކްހޮމްގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް މިޝަން ފަލަސްތީނުގެ ދައުލަތެއްގެ އެންބަސީއަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. ސްވިޑްން އިން މި ހިއްވަރުގަދަ ފިޔަވަޅުއެޅީ އިސްރާއީލުގެ ހަރުކަށި ކަމަށާ އަދި ޔޫރަޕްގައި ހަރަކާތްތެރިވާ ޔަހޫދީ ހަރުކަށި ގްރޫޕްތަކުން ހިންގަފާނެ އަމަލުތަކަށް ކުޑަވެސް ބެލުމެއް ނެތި އެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހައި މަރައި އަދި ޝަރީޢަތަކާނުލައި ފަލަސްތީނުގެ ރައްޔިތުން ޑަޒަން ޑަޒަނަށް ހައްޔަރު ކުރަމުން ގެންދާ ނާޒީ ސްޓައިލްގެ އިސްތިއުމާރީ ނާތަހުޒީބު ގައުމެކެވެ. ނަމަވެސް އިސްރާއީލުގެ މިޖަރީމާތައް ކުށްވެރިކޮށްފި ނަމަ އެގައުމަކީ ނުވަތަ އެމީހަކީ ދުނިޔޭގައި ނެތްވަރުގެ ނުބައި ފަރާތެއްކަމަށް އިސްރާއީލާއި ޔަހޫދީ މަހުޖަނުންގެ ނުފޫޒުގެ ދަށުގައިވާ ހުޅަނގުގެ މިޑިއާ އިން ސިފަކުރެ އެވެ. އަދި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ކުށްވެރިކުރާ ފަރާތަކީ ޔަހޫދީންނާ ޖައްސާލައިގެން އުޅޭ އަދި ޔަހޫދީންދެކެ ޒާތީގޮތުން ރުޅިއައިސް ނަފްރަތުކުރާ ނުބައިމީހެއްގެ ގޮތުގައި ސިފަކުރަމުން ގެންދެ އެވެ.

މީގެ އިތުރުން ޔޫރަޕާއި އެމެރިކާގައި ހަރަކާތްތެރިވާ ހަރުކަށި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން ވެސް އެފަދަ ފަރާތަކާމެދު ޕްރޮޕަގެންޑާކޮށް އެފަރާތެއް ކުށްވެރިކޮށް ނުރުހުމާއި ނަފްރަތު ކުރިޔަށްނެރެ މިގޮތަށް އަމަލުކުރަމުން ގެންދެ އެވެ.
ސްވިޑްންގެ ޚާރިޖީ ވަޒީރާ މާގޮޓް ވޯލްސްޓްރޮމް އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރެއްވުމުން އިސްރާއީލުގެ މިޑިޔާއާއި އިސްރާއީލުގެ އާންމުން ވެސް ގެންދަނީ ވޯލްސްޓްރޮމް އަކީ ސްވިޑްންފަދަ ޔޫރަޕްގެ ގައުމެއްގެ ޚާރިޖީ ވަޒީރަކަށް ހުންނަވަން ޖެހޭ ބޭފުޅެއްނޫންކަމަށް ސިފަކުރަމުންނެވެ.

މީގެ ކުރިން ވެސް ސްވިޑްންގެ ޚަރިޖީ ވަޒީރާ ވަނީ އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރި ކުރައްވާފަ އެވެ. އެދުވަސްވަރުވެސް އޭނާއާ ދެކޮޅަށް އިސްރާއިލުގެ އަނިޔާވެރި ވެރިން އުތުރި އަރައިގަތެވެ. ނަމަވެސް ސްވިޑްންގެ ސަރުކާރުން މިކަމަށް އަޅާލާފައެއް ނުވެއެވެ. އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ މީހުން މެރުމުގެ އަމަލުތަކުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 155 މީހުން މަރާލައި ހާހަކަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވެއެވެ. އަދި ޝަރީއަތަކާނުލައި ފަލަސްތީނުގެ އެތަށް ހާސްބަޔަކުވަނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފަ އެވެ.

އިސްރާއީލުގެ މިއަމަލުތަކަކީ އާންމު މައިދާންތަކުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމު ތަކެއްކަމަށް ސްވިޑްންގެ ޚާރިޖީ ވަޒީރާ ސިފަކުރައްވާފައިވާތީ އިސްރާއީލު ސަރުކާރުންވަނީ މިއީ އިސްރާއީލުގެ ދާޚިލީ ކަންކަމާ ބެހުންކަމަށް ސިފަކޮށް ސްވިޑްންއާ ގުޅުން ކަނޑާލަންޖެހިދާނެކަމުގެ އިންޒާރު ދީފައެވެ. އަދި ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހައި މަރަންޖެހެނީ ފަލަސްތީނު މީހުން އިސްރާއީލު މީހުންނަށް ވަޅިން ޙަމަލާދޭން މަސައްކަތްކުރާތީ އިސްރާއީލުގެ އާންމުންގެ ޙިމާޔަތުގައި ކަމަށްވެސް އިސްރާއީލުން ބުނެފައިވެ އެވެ.

ނަމަވެސް ފަލަސްތީނުގެ ބިންތައް އިސްރާއީލު ގަދަބާރުން ހިފައިގެން އޮންނަތާ 50 އަހަރަށްވުރެ ދިގުމުއްދަތެއް ވޭތުވެފައިވާކަން އިސްރާއީލުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް އެބިންތައް ދާއިމީ ގޮތެއްގައި އަތްދަށުލުމަށާއި ރެފިއުޖީންގެ ގޮތުގައި ފަލަސްތީނުން ބޭރުވެފައިވާ އެތައް މިލިޔަން ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ފުރްސަތު ދިނުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ފުރްސަތު ދިނުމަށް އިސްރާއީލުން ހުރަސްއަޅާ މައްސަލައަށް އިސްރާއީލުން އިޝާރާތް ކޮށްފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)