14 Jan 2016, 09:59
އޭޝިޔާ އިންފްރާސްޓަރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)ގެ "އިނައުގްރަލް ބޯޑް އޮފް ގަވަނާސް މީޓިން" އަދި "އިނައުގްރަލް ބޯޑް އޮފް ޑިރެކްޓަސް މީޓިން"ގައި ބައިވެރިވެވަޑައިގަތުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.
މި މަހުގެ 15 އިން 19 އަށް ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އޭއައިއައިބީގެ މީޓިންތަކުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނީ ދިވެހި ސަރުކާރުން އޭއައިއައިބީ އަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރުގެ ހައިސިއްޔަތުންނެވެ.
އޭއައިއައިބީ އަކީ ގައުމުތަކުގެ މެދުގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާ އަދި އެއް ގައުމު އަނެއް ގައުމާ ގުޅުވައިދިނުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ މަލްޓިލެޓަރަލް ޑިވެލޮޕްމެންޓް ބޭންކު ތަކަށް އެހީތެރިވުމަށް 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އުފެދުނު ފައިނޭންސިންގް ބޭންކެކެވެ.
ޗައިނާގެ އިސްނެގުމަކަށް އުފެއްދި އެ ބޭންކުގެ 57 ފައުންޑަ މެންބަރުންގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. ބޭންކުގެ ފައުންޑާ މެމްބަރުންނަށް އެހީދިނުމުގައި ހާއްސަ އުސޫލުތަކެއް ގެންގުޅޭނެ ކަމަށް ބޭންކުން ބުނި އިރު، ރާއްޖޭން ތައްޔާރުވަމުން ދަނީ ބިޔަ ޕްރޮޖެކްޓްތައް އޭއައިއައިބީއަށް ދީލާލުމަށް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް، ކަމާބެހޭ ދާއިރާތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. އަދި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް، ބުރިޖް އެޅުމަށް ހަވާލުކޮށްފައިވާ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާއި ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް އަދި ސީސީސީސީ ހައިވޭ ކޮންސަލްޓަންޓްސް ކޮމްޕެނީ ލިމިޓެޑްގެ ރައީސުންނާ ބައްދަލު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓަރު މުއިއްޒުއާ އެކު އެ ދަތުރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މުނައްވަރު އަދި ސީނިއާ ފައިނޭންސް އެނަލިސްޓް މުހައްމަދު ހައިޝަމް ވެސް ބައިވެރިވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.