14 Jan 2016, 09:37
ތެހެރާން (ޖެނުއަރީ 14):ބޮމެއް ހަރުކޮށްފައި އޮތް ކާރެއްގައި ތުރުކީގެ އިރުދެކުނު ސަރަހައްދުގައި ހުންނަ ފުލުހުންގެ މައިއޮފީހަކަށް ވަދެ ގޮއްވާލުމުގެ ސަބަބުން ފަސް މީހަކު މަރުވެ 36 މީހަކު ޒަހަމްވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މަރުވި މީހުންގެ ތެރޭގައި އަންހެނަކާއި ތުއްތުކުއްޖަކު ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ސަލާމަތީ ފަރާތްތަކުން މިހާރު ދަނީ ހަލާކުވެފައިވާ އިމާރާތުގެ ކުނީގެ ދަށުގައި މީހުން ތާށިވެފައި ތިބިތޯ ބަލަމުންނެވެ.
ބޮން ގޮއްވާލާފައި ވަނީ އިމާރާތަށް ވަންނަ ދޮރު ކައިރީ ކަމަށް ތުރުކީ މީޑިއާ އިން ބުނެ އެވެ. އަދި އޭގެ ފަހުން އެ އިމާރާތަށް ރޮކެޓް ހަމަލާތައް ދިން ކަމަށްވެސް ރިޕޯޓުތަކުގައިވެ އެވެ. އޭގެ ސަބަބުން އެއޮފީސް ކައިރީ ހުރި އާންމުން ދިރިއުޅޭ ބައެއް އިމާރާތްތަކަށް ވެސް ގެއްލުންވި އެވެ.
ހާދިސާ ހިނގި ތުރުކީގެ ދިޔާބާކިރު ޕްރޮވިންސުގެ ސިނާ ޑިސްޓްރިކްޓަކީ ކުރުދީ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދެއްކެވެ. އެެހެންކަމުން، އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އެހަމަލާ ދީފައި ވަނީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އިންނެވެ. އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.
ހާދިސާ ހިނގި ސަރަހައްދަކީ ޕީކޭކޭގެ މެމްބަރުންނާއި ތުރުކީގެ އަސްކަރިއްޔާއާ ދެމެދު ހަމަލާބަދަލުކުރުންތައް ގިނަގިނައިން ހިނގާ ސަރަހައްދެކެވެ. (ބީބީސީ)