އިންޑިއާ އާއި ރާއްޖެއާ ދެމެދު 2014 ވަނަ އަހަރު ޖެނުއަރީ މަހު ސޮއިކޮށްފައިވާ 'ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭ އެއްބަސްވުމަށް' އިންޑިއާ ސަރުކާރުގެ ކެބިނެޓުން އިއްޔެ ރުހުންދީފި އެވެ.

އިންޑިއާ ސަރުކާރުގެ ރަސްމީ ބަޔާނަކާ ހަވާލާދީ އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ އެ އެއްބަސްވުމަށް ރުހުން ދިނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައި އިއްޔެ ކަމަށެވެ.

އިއްޔެ ރުހުންދިން އެއްބަސްވުމުގައި އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެހެނިހެން މަސައްކަތްތެރިން ފޮނުވުމާއި ތަމްރީނުކުރުމާއި ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީކުރުމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ދިރާސާތައް ކުރުން ހިމެނެ އެވެ.

"...މި އެމްއޯޔޫގެ ސަބަބުން ދެގައުމުގެ ދެމެދުގައި ބޮޑު އެއްބާރުލުމެއް އުފެއްދުމަށް މަގުފަހިވާނެ އެވެ. ހާއްސަކޮށް ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލާތާއި ހިދުމަތްދޭ ތަންތަން ތަރައްގީކުރުމަށް އެހީތެރިވެދިނުމަށެވެ،" އެއްބަސްވުމާ ބެހޭ ގޮތުން އިންޑިއާ ސަރުކާރުން އިއްޔެ އާއްމުކުރި ބަޔާނުގައިވެ އެވެ.

އެބަޔާނުގައި އަދި ބުނެފައި ވަނީ ސިއްހީ ދާއިރާ އިން އެއްބާރުލުން އިތުރުކުރުމުން ދެގައުމުގެ ދެމެދުގައި އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

އިންޑިއާ ކެބިނެޓުން އިއްޔެ ރުހުންދިން އެއްބަސްވުމަކީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބުދުލް ގައްޔޫމް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ އެއްބަސްވުމެކެވެ.