އިނގިރޭސި ޕްރިމިއަ ލީގްގައި ލިވަޕޫލް އިން ފަހު ވަގުތު ކާމިޔާބް ކުރި ގޯލާ އެކު 3-3 ގެ ނަތީޖާ އިން އާސެނަލްއާ އެއްވަރުވި އިރު ޗެލްސީއާ ވެސްޓް ބްރޮމް ކުޅުނު މެޗު 2-2 ގެ ނަތީޖާ އަކުން އެއް ވަރު ވެގެން ނިމެއްޖެއެވެ.

ރޭގެ މެޗުން އާސެނަލް އަށް ލިބުނު އެއް ޕޮއިންޓާއި އެކު އެ ޓީމް ތާވަލުގެ އެއް ވަނާގައި 43 ޕޮއިންޓާއި އެކު އޮތް އިރު ލިވަޕޫލް ވަނީ 31 ޕޮއިންޓާއި އެކު ނުވަ ވަނަ އަށް ވެއްޓިފައެވެ. ޗެލްސީ 24 ޕޮއިންޓާއި އެކު 14 ވަނާގައި އޮތް އިރު އެ ޓީމަށް ވުރުން ތިން ޕޮއިންޓް އިތުރަށް ލިބިގެން ވެސްޓް ބްރޮމް އޮތީ 13 ވަނައިގައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު އެ މެޗުގެ 10 ވަނަ މިނެޓްގައި ރޮބާޓޯ ފިމިއޯނީގެ ގޯލުން އެ ޓީމް ލީޑް ނަގާފައި ވަނިކޮށް އޭގެ ހަތަރު މިނެޓް ފަހުން އާސެނަލް ގެ ރަމްސޭވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއަ ލީގްގައި ރޭ ލިވަޕޫލް އާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

ލިވަޕޫލް އިން ގިނަ ހަމަލާތަކެއް އުފެއްދި އެ މެޗުގެ 19 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް އެ ޓީމަށް ލީޑް ނަގައިދިނީ ވެސް ފިމިއޯނީއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 25 ވަނަ މިނެޓްގައި އޮލިވިއޭ ޖިރޯ ވަނީ އާސެނަލް އަށް ގޯލެއް ކާމިޔާބް ކޮށްދީ ނަތީޖާ އެއްވަރު ކޮށްދީފައެވެ. އަދި އޭނާ ވަނީ ދެވަނަ ހާފްގެ 55 ވަނަ މިނެޓްގައި އާސެނަލް އަށް ލީޑް ނަގައިދީފައެވެ.

އެ ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ލިވަޕޫލް ސަލާމަތް ކޮށް ދިން ގޯލް މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ޖޯ އެލަންނެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގެ 20 ވަނަ މިނެޓްގައި ސެސާ އަޒްޕްލިއެސެޓާގެ ގޯލުއިން ވެސްޓް ބްރޮމްގެ ގޯލް ހުޅުވާލަ ދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން 33 ވަނަ މިނެޓްގައި ވެސްޓް ބްރޮމްގެ ކްރެއިގް ގާޑްނާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއަ ލީގްގައި ރޭ ޗެލްސީ އާއި ވެސްޓް ބްރޮމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

މެޗުގެ 73 ވަނަ މިނެޓްގައި ޗެލްސީ އަށް ދެވަނަފަހަރަށް ލީޑް ލިބިގެންދިޔައީ ވެސްޓް ބްރޮމްގެ ގަރެތު މެކައުލީ އަތުން ބައިކޮޅަށް ވަން ގޯލަކާއި އެކީގައެވެ. ނަމަވެސް ޗެލްސީއަށް ލީޑްގައި އޮވެ މެޗު ނިންމާލުމުގެ ކުރިން ވެސްޓް ބްރޮމްގެ ޖޭމްސް މެކްލީން 86 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބް ކޮށް ޗެލްސީ މޮޅުވިޔަނުދީ ވަނީ ހިފަހައްޓާފައެވެ.