މާލޭގެ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެފައިއޮއްވައި ފެނުނު ލ. ގަން ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާގެ ޕޯސްޓް-މޯޓަމް ހަދައިފިއެވެ.

ޒުހާގެ ޕޯސްޓް-މޯޓަމް އިއްޔެ ހަދާފައިވަނީ އިންޑިއާގެ ހޮސްޕިޓަލަކުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ޒުހާގެ ހަށިގަނޑު ވީހާވެސް އަވަހަކަށް މާލެ ގެނެސް އޭނާގެ އާއިލާއާއި ފުލުހުން ގުޅިގެން ވަޅުލުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޒުހާގެ މަންމަ ނައީމާ މުހައްމަދު (ނައީމައްތަ) "ސަން" އަށް ބުނީ، އޭނާގެ ދަރިފުޅު މަރާލާފައި ވަނީ ކަރުގައި ހިފައި އަނިޔާކޮށްގެން ކަމަށެވެ. އެ ތުހުމަތު ކުރެވެނީ ދަރިފުޅުގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅުގެ ފަލަމަސްގަނޑުގައި ވެސް ބާރަށް ހިފާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ފަލަމަސްގަނޑުގައި ބާރަށް ހިފުމުން އަތުގެ އިނގިލިތައް އަރާ ގޮތަށް ނޫފައިގެންފައިވާ ނިޝާނެއް ފެންނަ ހުރި ކަމަށް ނައީމައްތަ ބުންޏެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި ވެއްޓިފައިއޮއްވައި ފުލުހުންގެ ބެލުމުގެ ދަށުން ޒުހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.

ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިމަހުގެ ނުވަ ވަނަ ދުވަހު ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.