14 Jan 2016, 08:43
ވެނެޒުއޭލާގެ ޤާނޫނު ހަދާ މަޖިލީހަކީ ސައްހަކަމެއް ނެތް، ބާތިލު ތަނެއް ކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުން މިހެން ކަނޑައެޅީ، އެޤައުމުގެ ސުޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފައިވާ، އިދިކޮޅު ތިން ސިޔާސީ މީހަކު ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ކޮށް، އެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރުމުންނެވެ.
ސުޕްރީމް ކޯޓުން 11 ޖަނަވަރީ ވަނަ ދުވަހު ނެރުނު ރޫލިންގއެއްގައި ބުނެފައިވަނީ، ކޯޓުން ސަސްޕެންޑް ކޮށްފައިވާ ތިން މެމްބަރުން މަޤާމުން ވަކި ނުކުރަނީސް ޤާނޫނު ހަދާ މަޖިލީހަކީ ބާތިލު ތަނެއް ކަމަށާއި، އެތަނުގެ ސައްހަކަން އިޔާދަ ވާނީ އެ މެމްބަރުން މަޤާމުން ވަކި ކުރުމުން ނުވަތަ ވަކި ވުމުން ކަމަށެވެ.
ވެނެޒުއޭލާގެ ކޯޓުން ސަސްޕެންޑް ކޮށްފައިވަނީ، ވެނެޒުއޭލާގެ ޤާނޫނު ހަދާ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ އެއް މެމްބަރާއި، އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ ތިން މެމްބަރެކެވެ.
އިދިކޮޅު ތިން މެމްބަރުން ޤާނޫނު ހަދާ މަޖިލީހުން ވަކިވުމުން ނޫނީ އެތަން ސައްހަ ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ އިރު، ޑިސެމްބަރު މަހު ބޭއްވި އެޤައުމުގެ އާންމު އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ވަނީ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފަ އެވެ.
އެ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް "ސުޕަރ މެޖޯރިޓީ" ލިބިފައިވާ އިރު، ސުޕަރ މެޖޯރިޓީ ހާލަތުގައި، އެ މެޖޯރިޓީ ލިބިފައިވާ ބަޔަކު ބޭނުންވާ ނަމަ ވެނެޒުއޭލާގެ އެންމެ މަތީ ކޯޓުތަކުގެ ފަނޑިޔާރުން ވަކި ކުރުމުގެ ބާރު ވެސް އެފަރާތަށް ލިބެ އެވެ. އެހެން ނަމަވެސް ޤާނޫނު ހަދާ މަޖިލީހަކީ މިވަގުތު ބާތިލު ތަނެއް ކަމަށް ބުނެ، ސަސްޕެންޑް ކޮށްފައިވާ ތިން މެމްބަރުން މަޖިލީހުން ވަކިވުމަށް ސުޕްރީމް ކޯޓުން އެންގީ، އިދިކޮޅު ފަރާތްތަކުގެ އަތުގައި އޮތް "ސުޕަރ މެޖޯރިޓީ" އަތުލުމަށް ކަމަށް ވެނެޒުއޭލާގެ އިދިކޮޅު ޕާޓީން ތުހުމަތު ކުރެ އެވެ.