14 Jan 2016, 08:40
ދެހާސް ސާދަ ވަނަ އަހަރުގެ މާރޗް މަހު ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓު އެމްއެޗް 370 ގެއްލުނު ހާދިސާއަށް މިއަހަރު ދެ އަހަރު ފުރޭ އިރު، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގައި އަދިވެސް ދަނީ، އެ ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކި ޤައުމުތަކުން ގުޅިގެން، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އެމްއެޗް 370 ގެ ހިލަމެއް ވޭތޯ އިންޑިޔާ ކަނޑުގެ ބޮޑު ސަރަހައްދެއް ވަނީ ހޯދައިފަ އެވެ.
ނަމަވެސް އެމްއެޗް 370 ނޫން، ގާތްގަނޑަކަށް ހުރިހާ އެއްޗެއް އިންޑިޔާ ކަނޑުގެ އަޑިން ދަނީ ފެންނަމުންނެވެ. އެންމެ ފަހުން، ނިމިދިޔަ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ، މީގެ 200 އަހަރު ކުރިން އަޑިއަށް ދިޔަ ބޮޑު ބޯޓެއް ފެނިފަ އެވެ.
އެމްއެޗް 370 ހޯދުމަށް އުފައްދާފައިވާ ޖޮއިންޓް އޭޖެންސީ ކޯޑިނޭޝަން ސެންޓަރުން ބުނީ، ކަނޑުގެ އަޑިން ވަނީ އާދަޔާ ޚިލާފު އެއްޗެއް ސޯނާގެ ޒަރިއްޔާއިން ފެނިފައި ކަމަށެވެ. އަދި އެއީ އިންސާނުން ހަދާފައިވާ އެއްޗެއް ކަމަށާއި، ބެލެވޭ ގޮތުގައި އެއީ އަޑިއަށް ގޮސްފައިވާ ނަވެއް ކަމަށް އެ އިދާރާއިން ލަފާ ކޮށްފައި ވެ އެވެ.
ކަނޑު އަޑިން ފެނުނު ނަވުގެ ފޮޓޯ ސޯނާގެ ޒަރިއްޔާއިން ނަގައި، އޮސްޓްރޭލިޔާގެ ބައެއް މާހިރުންނަށް ދެއްކުމުން އެމީހުން ބުނެފައިވަނީ، އެއީ 19 ވަނަ ޤަރުނުގެ ކުރީކޮޅު، ދަގަނޑުން ހަދާފައިވާ ބޯޓެއް ނުވަތަ ނަވެއް ކަމަށެވެ.
މެލޭޝިޔާގެ ކުއާލަ ލަމްޕޫރުން ޗައިނާގެ ބެއިޖިންގއަށް 2014 ވަނަ އަހަރުގެ މާރޗް މަހު ދަތުރުކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު އެމްއެޗް 370 ހޯދުމުގެ މަސައްކަތަށް ބަލާ އިރު، އިންޑިޔާ ކަނޑުގެ އެންމެ އަޑި ނުވަތަ ސީ ފްލޯރގެ 80،000 އަކަ ކިލޯމީޓަރު މިހާތަނަށް ވަނީ ބެލިފަ އެވެ. ނަމަވެސް މިހާތަނަށް އެމްއެޗް 370 އާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ.