14 Jan 2016, 08:55
އިނގިރޭސި ވިލާތުގެ މަޝްހޫރު ބޯއި ބޭންޑް "ވަން ޑައިރެކްޝަން" އަކީ މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ބޭންޑެކެވެ. ދެހާސް ދިހަ ވަނަ އަހަރު "އެކްސް ފެކްޓާ" ޝޯއިން އުފެދުނު މި ބޭންޑު މިދިޔަ ފަސް އަހަރު އެތައް ކާމިޔާބެއް ހޯދާފައިވާ އިރު، ބޭންޑުގެ ފަސް މެމްބަރުންގެ ތެރެއިން އެއް މެމްބަރު މިދިޔަ އަހަރު ވަނީ އެ ބޭންޑާ ވަކި ވެފަ އެވެ.
އެ ބޭންޑުގެ މެމްބަރު ޒޭން މަލިކް 2015 ވަނަ އަހަރުގެ މާރޗް މަހު އެ ބޭންޑުން ވަކި ވުމުން، އެ ބޭންޑުގައި ދެން ތިބި ހަތަރު މެމްބަރުން ލުއީ ޓޮމްލިންސަން، ނަޔަލް ހޮރަން، ހެރީ ސްޓައިލްސް އަދި ލިއަމް ޕޭން ވަނީ އޭނާއާ ނުލައި ބޭންޑް ކުރިޔަށް ގެންގޮސްފަ އެވެ.
އެހެން ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި، އެ ބޭންޑް ވަގުތީ ގޮތުން ބްރޭކެއް ނަގާފައިވާކަން އިޢުލާން ކޮށްފައިވެ އެވެ.
މިހާރު ފެތުރިފައިވާ ޚަބަރަކީ، ވަގުތީ ގޮތުން ނެގި ބްރޭކު ދާއިމީ ކޮށް، ބޭންޑު އެއްކޮށް ހުއްޓުމަކަށް ގެންނަން އުޅޭ ޚަބަރެވެ.

ވަން ޑައިރެކްޝަންއިން ވަކިވި ޒޭން މަލިކް --
އިނގިރޭސި ވިލާތުގެ ޑެއިލީމެއިލް ނޫހުގައި، ވަން ޑައިރެކްޝަންއާ ގާތް ފަރާތަކާ ހަވާލައިދީ ލިޔެފައި ވަނީ، އެ ބޭންޑުގައި މިހާރު ތިބި ހަތަރު މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ވެސް ކޮންޓްރެކްޓްއާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ މެމްބަރުން ކޮންޓްރެކްޓް އާ ކުރަން ނޭދޭ ކަމަށާއި އެމީހުން ބޭނުން ވަނީ ސޯލޯ ކެރިއާތަކެއް ކުރިޔަށް ގެންދަން ކަމަށް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.
ނަމަވެސް އެ ބޭންޑުގެ އޮފިޝަލަކު ވަނީ، މިކަން ދޮގު ކޮށްފަ އެވެ.
ވަން ޑައިރެކްޝަންގެ މެމްބަރުން ބްރޭކެއް މިދިޔަ އަހަރު ނަގާފައިވާ އިރު، އެ ބޭންޑުގެ ބައެއް މެމްބަރުން ވަނީ، އެއީ ވަގުތީ ބްރޭކެއް ކަމަށާއި ބްރޭކުގެ މުއްދަތަކީ ގިނަ ވެގެން އެއް އަހަރު ދުވަސް ކަމަށް ސަޕޯޓަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފަ އެވެ.
ވަން ޑައިރެކްޝަން "ހަޔޭޓަސް"އެއްގައި އޮތް އިރު، އެ ބޭންޑުން ވަކިވި ޒޭން މަލިކް މިދިޔަ އަހަރުން ފެށިގެން އަންނަނީ އޭނާގެ އަމިއްލަ ސޯލޯ އަލްބަމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ އަލްބަމް މި އަހަރުގެ ޖޫން މަހުގެ ކުރިން ރިލީޒް ކުރެވޭނެ އެވެ.