ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައިވާ ތ. އެލާ އަބުރާ ސަރުކާރަށް ނެގީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ތ. އެލާ ކުއްޔަށް ދިނުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާ އެކު ވިލާއިން ވެފައިވާ އެމެންޑެޓް އެންޑް ރީ ސްޓޭޓަޑް ލީސް އެގްރީމެންޓް އުވާލީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ސޮއިކޮށްފައިވާ ސެޓުލްމަންޓު އެގްރީމެންޓް އުވާލި އުވާލުން އަސާސަކަށް ބަލައިގެން ކަމަށެވެ.

އެގޮތަށް ބަޔާންކޮށް ޓޫރިޒަމް މިނިސްޓްރީން ވިލާޝިޕިންއަށް އަންގާފައިވާ އެންގުމަކީ އެގްރީމެންޓާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.