14 Jan 2016, 01:05
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ކުރުމަށް އެމްއެމްޕީއާރްސީން ރަށްތައް ދޫކުރި މައްސަލާގައި ވިޔަފާރިވެރިޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަރިސް ބޭފުޅެއް ކަމަށްވާ ހ. ސްނޫޕީ، އަބްދުﷲ އާސިމެވެ. އޭނާއަކީ މާލޭގައި ގިނަ ފިހާރަތަކެއް ހިންގާ ވިޔަފާރިވެރިއެކެވެ.
އޭނާ ހައްޔަރު ކުރި ދުވަހެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އޭނާ ބަންދުގެ މުއްދަތު ދަށު ކޯޓުން އިތުރު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާގެ ބަންދަށް ހައި ކޯޓުން ދެ ފަހަރެއްގެ މަތިން ވަނީ ތާއިދުކޮށްފަ އެވެ.
އޭނާގެ ބަންދަށް ހައި ކޯޓުން ތާއިދު ކުރި ހުކުމް އެ ކޯޓުން ވަނީ އާންމުކޮށްފަ އެވެ.
"އެމްއެމްޕީއާރްސީގައި މަސައްކަތްކުރާ އިސްބޭފުޅުންތަކަކާ ބައިވެރިވެގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރިސޯޓް ހެދުމަށް ރާއްޖެއިން ރަށްތަކެއް ދޫކުރުމަށްފަހު ލިބިފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ޣައިރުޤާނޫނީ ޢަމަލުތަކެއް ކުރުމަށް މަގުފަހިކޮށްދީފައިވާކަމުގެ ތުހުމަތު،" ވިޔަފާރިވެރިޔާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ކަމަށް ކޯޓު ހުކުމްގައިވެ އެވެ.
ވިޔަފާރިވެރިޔާ އަބްދުﷲގެ ބަންދުގެ މުއްދަތު އިތުރު ކުރަން ދަށުން ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ފައިސާގެ އެކި އެކި ލިޔުންތައް ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައަކާ ގުޅިގެން ހެކި ފޮރުވުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތައްޓަކައި އޭނާ ބަންދުގައި ބަހައްޓަން ގާޒީއަށް ފެންނަ ކަަމަަށް ދަށު ކޯޓުގެ އަމުރުގައިވެ އެވެ.
އަބްދުﷲގެ ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލާގައި އޭނާގެ ދިފާއުގައި ހައި ކޯޓުގައި ވަކާލާތު ކުރެއްވީ ގަނޫނީ ވަކީލް މައުމޫން ހަމީދެވެ.
ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި ބުނެފައި ވަނީ ދަށު ކޯޓުން އަބްދުﷲގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އޭނާގެ ވަކީލުންގެ ތެރެއިން އެއް ވަކީލަކަށް މުއްދަތު މަޖިލީހަށް ވަނުމުގެ ފުރުސަތުދީފައި ނުވާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމްގައި ވަނީ އެ ވަކީލަށް ދަށު ކޯޓުން ފުރުސަތު ދީފައި ނުވަނީ އަބްދުﷲގެ ވަކީލެއްގެ ގޮތުގައި އިތުރު ވަކީލަކު އައްޔަން ކުރިކަން ކްރިމިނަލް ކޯޓަށް އެނގިފައި ނުވާތީ ކަމަށެވެ.
އެ ވަކީލަށް ނުވަދެވުނު ނަމަވެސް އަބްދުﷲގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލުންނަށް ކޯޓުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށްފަހުގައި ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.