އާހާބަރުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނިންމެވީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްވެވި ހުކުމް ބަންޑާރަ ނައިބު އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރަން ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބު އަލްއުސްތާޒް އަބްދުﷲ މުއިއްޒު ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުއްވީ ބުރާސްފަތި ދުވަހު ކަމަށެވެ.

އާހާބަރު ސަރަހައްދުން 50،000 އަކަފޫޓުގެ ބިން ވިއްކުމަށް ރައީސް ނަޝީދު ނިންމަވައިފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހު އެވެ.

ޑީއާރުޕީއާއި ޕީއޭއާއި ގައުމީ ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން ސިވިލް ކޯޓްގައި ކުރި އެ ދައުވާއާ ގުޅިގެން ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ވަޒީރުގެ މަޖިލީހުން ނިންމާފައި ވަނީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ގޮތަށް، ތަންފީޒު ނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.

"މި މުއާމަލާތަކީ މިގޮތުން ކުރިއަށް ގެންދެވޭނެ މުއާމަލާތެއްނޫން ކަމަށް ކަނޑައަޅައި، ވަޒީރުންގެ މަޖިލީހުން ލަފާއެރުވުމާ ގުޅިގެން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުނަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ހުކުމްކޮށްފީމެވެ." ގާޒީ މަރިޔަމް ނިހާޔަތު ކުރެއްވި ހުކުމްގައި ވެއެވެ.

ސިވިލް ކޯޓުގެ އެ ނިންމުމާ ގުޅިގެން، އާހާބަރުން ބިން ވިއްކުމުގެ މަސައްކަތް އެއްކޮށް ހުއްޓާލިއިރު، ވިއްކުމަށް އިއުލާންކުރި 11 ބިމުގެ ތެރެއިން ވިކިފައިފައި ވަނީ ހަތަރު ބިމެކެވެ. އެގޮތުން އެ ހަތަރު ބިމަށް 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައި ވެއެވެ.