13 Jan 2016, 22:08
ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ފުލުހަކަށް އަލުން ވަޒީފާ ދިނުމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
ޗީފް ސްޓޭޝަން އިނިސްޕެކްޓަރުގެ މަގާމުގައި ކުރިން ހުރި މާލޭ ދަފްތަރި 3915 މުހައްމަދު ހަބީބަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށް ހުކުމް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ހަބީބުގެ މައްޗަށްކޮށްފައި ވަނީ ފުލުހުންގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ޑިޕާޓްމަންޑް (އައިޑީޑީ)ގެ ގުދަނުން މާކަރީ ލައިޓެއް ގެންދިޔަކަމަށް ބުނެއެވެ. ނަމަވެސް އޭނާ އަނބުރާ ވަޒީފާ ހޯދަން ދައުވާ ކުރީ އެ މައްސަލާގައި ދައުލަތުން ކުރި ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުމުންނެވެ.
އޭނާއަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އިއްވާފައިވާ ހުކުމަށް ރިއާޔަތްކުރުމަށްފަހު އެވެ.
އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އޭނާ ވަޒީފާއިން ވަކިކުރި ތާރީޚު ކަމުގައިވާ 2009 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުން ފެށިގެން ހަބީބަށް ލިބެންވާ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދިނުމަށް ފުލުހުންނަށް އަންގާފަ އެވެ.
ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަގާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިވިލް ކޯޓުން ވަނީ އަންގާފަ އެވެ.