ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ރާއްޖެ ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާގެ ފޮރިން މިނިސްޓަރުގެ އިތުރުން އެގައުމުގެ ފިނޭންސް މިނިސްޓަރު ވެސް މިރޭ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ރާއްޖެ ވަޑައިގަތީ ލަންކާގެ ފޮރިން މިނިސްޓަރު ސަމަރަވީރަ އެކަނި ކަމަށެވެ.

ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން ދަތުރުފުޅާ ގުޅޭ އެއްވެސް ތަފްސީލެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރައްވަ އެވެ.

ލަންކާގެ ފޮރިން މިނިސްޓަރު މިރޭ ރާއްޖެ ވަޑައިގެންނެވިއިރު ދާދިފަހުން އިންޑިއާގެ ފޮރިން ސެކެޓްރީ ޖައިޝަންކަރު ވަނީ މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގެން ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.