ބަންގްބަންދު ގޯލްޑް ކަޕްގައި މިއަދު ކުޅުނު ދެ ވަނަ މެޗުގައި މެލޭޝިއާގެ ފެލްޑާ ޔުނައިޓެޑުން ގޯލެއް ކާމިޔާބްކޮށްފައި ވަނިކޮށް، މެޗު ނިމެންދަނިކޮށް ޖެހި ލަނޑާއެކު 1-1ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ކުރީ ކޮޅުގައި މެލޭޝިއާއިން ބަންގާޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވި އެވެ. އެގޮތުން އަހުމަދު ސަޔަމިމް ބަންގާޅު އޭރިއާ ބޭރު ކަނުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ބަންގާޅު ކީޕަރު ވަނީ އަތުން ޖަހައި ބޯޅަ ބޭރުކޮށްލާފަ އެވެ.

އޭގެ އިތުރުން ވެސް ފުރަތަމަ ހާފްގައި މެލޭޝިއާ ޓީމުން އުފެއްދި ގިނަ ހަމަލާތަކެއްގެ ހުރަހަކަށް ވެގެން ދިޔައީ ބަންގާޅު ކީޕަރަވެ.

ފުރަތަމަ ހާފްގައި ބަންގާޅަށް ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ އެ ޓީމުގެ ފޯވާޑް ޝަކްވާތު ހޮސެން ރޮނީ އަށެވެ. އެގޮތުން ކައުންޓަ އެޓޭކެއްގައި ބޯޅަ ހިފައިގެން އައިސް މެލޭޝިއާގެ ޕެނެލްޓީއޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފް ފެށިގެން ވެސް ދެ ޓީމްގެ ފަރާތުން ވަރުބަލި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ 54 ވަނަ މިނެޓްގައި މެލޭޝިއާގެ މުހައްމަދު އަޒްމާން ވަނީ ގޯލެއް ކާމިޔާބް ކޮށް މެޗުގެ ލީޑް ނަގާފައެވެ. އަޒްމާން އެ ގޯލް ކާމިޔާބް ކުރީ ބަންގާޅު ޕެނަލްޓީއޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.

މެލޭޝިއާގެ އެ ގޯލާއި އެކު ބަންގާޅުން ދިޔައީ ގޯލެއް ކާމިޔާބު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މެޗުގެ 76 ވަނަ މިނެޓްގައި ބަންގާޅުން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބަންގާޅަށް އެ ގޯލް ކާމިޔާބް ކޮށްދިނީ މިތުން ޗައުދަރީ އެވެ.

އެ މުބާރާތުގައި މާދަމާ ވެސް ދެ މެޗުކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ފުރަތަމަ މެޗުގައި ކެމްބޯޑިއާއި ބްޙްރެއިން ބައްދަލު ކުރާއިރު ދެވަނަ މެޗުގައި 5:30 ގައި ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ.