13 Jan 2016, 20:03
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ފާހަގަކުރެވެނީ އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.
ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް އެރުވުމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގާ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިޝްރާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އެ ޤައުމުގެ ސަރުކާރުގެ ފަރާތުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިޔާގެ އާ ސަފީރުގެ ދައުރުގައި، ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމަށެވެ. މިއަދުގެ ބައްދަލުވުގައި ރައީސް ޔާމީން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން އިންޑިއާ ސަފީރާއެކު މަޝްވަރާ ކުރައްވާފަ އެވެ.