ބާސެލޯނާއަށް ނޭމާ ބަދަލުވުމުގައި އޭނާގެ ޓްރާންސްފާ އަގު އޮޅުވާލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ނޭމާ ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.

ބާސެލޯނާ އަށް ބްރެޒިލްގެ ސަންތޯސް އިން 2013 ވަނަ އަހަރު ބަދަލުވި ބްރެޒިލް ފޯވާޑް ނޭމާގެ ޓްރާންސްފާ ފީ އެއްގެ ގޮތުގައި 57.1 މިލިއަން ޔުރޯ ސަންތޯސް އަށް ދެއްކި އިރު އެހެނިހެން ބޯނަސްތަކާ އެކު 86 މިލިއަން ޔޫރޯ އަށް އަރާ ކަމަށް ބާސެލޯނާ އިން ވަނީ ބުނެފަ އެވެ. ބޯނަސް ފައިސާތަކުގެ ތެރޭގައި ނޭމާގެ ބައްޕަ އުފައްދާފައިވާ ކުންފުންޏަކަށް ދިން 40 މިލިއަން ޕައުންޑް ހިމެނެ އެވެ.

ސްޕެއިންގެ ނޭޝަނަލް ކޯޓުން ބަލަމުން އަންނަ އެ މައްސަލަގެ އަޑުއެހުމަށް ފެބްރުއަރީ ދެ ވަނަ ދުވަހު ކޯޓަށް ހާޒިރިވުމަށް ނޭމާ އަށް މިހާރު ވަނީ އަންގާފަ އެވެ. ނޭމާގެ އިތުރުން އެ މައްސަލާގައި ބާސާގެ ކުރީގެ ރައީސް ސެންޑްރޯ ރޮސެލް އާއި މިހާރުގެ ރައީސް ޖޯސެފް ބާޓޮމިއު ވެސް އެ ދުވަހު ކޯޓަށް ހާޒިރު ކުރާނެ އެވެ.

އެ ޓްރާންސްފާގެ އަސްލު އަގު ބާސެލޯނާ އިން އޮޅުވާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ބާސެލޯނާގެ އާއްމު މެމްބަރަކު ކޯޓަށް ހުށަހެޅުމުން އެ ކްލަބުގެ ރައީސް ސެންޑްރޯ ރޮސެލް ވަނީ މީގެ ކުރިން އިސްތިއުފާ ވެސް ދެއްވައިފަ އެވެ.

ނަމަވެސް ބާސާއިން އަބަދުވެސް ބުނަމުން އަންނަނީ ނޭމާގެ ޓްރާންސްފާގައި އެ ކުލަބުން އެއްވެސް އޮޅުވާލުމެއް އޮޅުވާލައިފައި ނުވާނެ ކަމަށާއި ހުރިހާ ހަރަދެއް ވެސް ކޮށްފައިވާނީ ގާނޫނުގެ ތެރެއިން ކަމަށެވެ.

ސުޕެއިންގެ އިތުރުން ބްރެޒިލް ސަރުކާރުން ވެސް އަންނަނީ އެ މައްސަލަ ތަހްގީގު ކުރަމުންނެވެ.