13 Jan 2016, 19:30
ސްޕެނިޝް ކަޕްގެ ދެ މެޗަށް ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ސަސްޕެންޑް ކުރުމުން، އެ އަދަބު އެ ކްލަބުން އިސްތިއުނާފު ކުރި ނަމަވެސް އެކަން ބާސާއަށް ކާމިޔާބެއް ނުވި އެވެ.
ސްޕެނިޝް ކަޕުގައި އެސްޕަނިޔޯލް އަތުން 4-1 އިން ބާސެލޯނާ މޮޅުވި މެޗަށް ފަހު ސުއަރޭޒް ވަނީ އެސްޕަނިޔޯލްގެ ދެ ކުޅުންތެރިއަކާ ދިމާކޮށްލައިފަ އެވެ. އެއީ މެޗުގައި އޭނާއަށް ނަސްލީ ގޮތުން ދިމާކުރުމާ ގުޅިގެންނެވެ. އަދި ފަހުން ދެ ކުޅުންތެރިންނާ ދިމާކޮށް ހުތުރު ބަހުން މުހާތަބުކޮށްފައިވާ ކަމަށް މެޗުގެ ރެފްރީގެ ރިޕޯޓްގައިވެ އެވެ.
އެ މެޗުގައި ވަނީ ސުއަރޭޒްގެ އިތުރުން އެސްޕަނިޔޯލްގެ ދެ ކުޅުންތެރިއަކަށް ވެސް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ސުއަރޭޒް ދެ މެޗަށް ސަސްޕެންޑް ކުރުމުން ސްޕެނިޝް ކަޕްގެ ދެވަނަ ލެގުގައި މިރޭ އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ އެވެ. އަދި ބާސާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިނަމަ، ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެ އެވެ.
ބާސާ އާއި އެސްޕަނިޔޯލް ބައްދަލު ކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ، މިރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.