މި މަހުގެ 21 ވަނަ ދުވަހު އަމަލުކުރަން ފަށާ ކޮޕީރައިޓް ގާނޫނުން މިހާތަނަށް އުފައްދާފައި ހުރި ދިވެހި އުފެއްދުންތަކަށް އެއްވެސް ހިމާޔަތެއް ނުލިބޭ ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒް ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮޕީރައިޓް ގާނޫނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސުއޫދު އަންވަރު އެންޑް ކޯ ލޯފާމުން ވިލާ ކޮލެޖްގައި މިއަދު ބޭއްވި ސެމިނާރާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ މިހާތަނަށް އުފައްދާފައި ހުރި ދިވެހި ގިނަ އުފެއްދުންތަކަށް ކޮޕީ ރައިޓް ގާނޫނުން ހިމާޔަތް ނުލިބޭތީ އެ ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ހިލޭ ވަދެވޭ ގޮތަށް މިއަދު ބޭއްވި ސެމިނާރަށް އެކަށީގެންވާ ތަރުހީބު ލިބުނު ކަމަށާއި ވަރަށް އަވަހަށް މީގެ އެހެން ސެމިނާރެއް ބާއްވަވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

މިއަދު އޮތް ސެމިނާރުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުންނާއި މީޑިޔާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވި ކަމަށް ސޫދު ވިދާޅުވި އެވެ. އެގޮތުން އެމްއެންބީސީ އާއި ވިލާ ޓީވީގެ އިތުރުން ސަރުކާރުގެ ދެ އޮފީހެއްގެ ފަރާތުން ވެސް ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި މިއަދުގެ ސެމިނާރުގައި ބޮޑަށް މައުލޫމާތު ދެއްވާފައި ވަނީ މީހުންގެ އުފެއްދުންތަކަށް ކޮޕީ ރައިޓް ގާނޫނުން ހިމާޔަތް ލިބޭ މިންވަރާއި ހިމާޔަތް ލިބޭ ގޮތާ ބެހޭ ގޮތުންނެވެ.
ސުއޫދު އަންވަރު އެންޑް ކޯ އިން މިއަދު ބޭއްވި ސެމިނާރުގައި ބައިވެރިވި ފަރާތްތަކަށް ކޮޕީރައިޓް ގާނޫނާ ބެހޭ ގޮތުން މައުލޫމާތު ދެއްވީ ސުއޫދާއި މުހައްމަދު ޝަހުދީ އަންވަރެވެ.