ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އާއިލާއަށް އެމަނިކުފާނާ ބައްދަލުކުރަން އެކަށީގެންވާ ވަގުތު ނުދޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އަދީބު މިއަދު ސިވިލް ކޯޓަށް ހާޒިރުކޮށްފި އެވެ.

މިއަދު މެންދުރު ފަހު އަދީބު ސިވިލް ކޯޓަށް ހާޒިރުކުރީ އެ މައްސަލަ ޝަރީއަތަށް ފޮނުވުމުގެ ކުރިން ދައުލަތާއި އަދީބާ ދެމެދު މަޝްވަރާކޮށްގެން ހައްލު ހޯދޭތޯ ބެލުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވާން ދައުލަތަށް ވަނީ އެއްހަފްތާގެ ފުރުސަތުދީފަ އެވެ.

މިއަދުގެ ބައްދަލުވުމަށް އަދީބުގެ ހަގުއަނބި މަރިޔަމް ނަޝްވާ ވެސް ވަޑައިގަތެވެ. އެ ބައްދަލުވުން ނިމުމާ އެކު މިހާރު އަދީބު ވަނީ އަނބުރާ ދޫނިދޫއަށް ގެންގޮސްފަ އެވެ.

އެ މައްސަލަ އަދީބު ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ އާއިލީ ބައްދަލުވުން ދިނުމުގައި އަދީބާ މެދު ފުލުހުން ތަފާތު ކުރަމުން ގެންދާ ކަމަށެވެ. އެއީ ގާނޫނު އަސާސީ އާއި ފުލުހުންގެ އާންމު ގަވާއިދުގެ އިތުރުން ބައިނަލް އަގުވާނީ މުއާހަދާތަކުން ޚަޞްމުންގެ މެދުގައި ހަމަހަމަކަން ލިބިދެވުމުގެ ހައްގާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކުށުގެ ތުހުމަތުގައި ތިބޭ ސިޔާސީ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިންތިޒާމުކޮށް ދެމުން ގެންދިޔަ އިނާޔަތްތައް ތަފާތުކުރުމެއްނެތި އަދީބަށް ލިބިދިނުމަށާއި އާއިލީ ބައްދަލުވުން ހަމަޖެއްސުމުގައި ތަފާތު ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެ މައްސަލާގައި އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.