13 Jan 2016, 16:18
ތެހެރާން (ޖެނުއަރީ 13): އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ސަބަބުން ހައްޔަރުކުރި އެމެރިކާގެ ކަނޑުގެ 10 ސިފައިން ދޫކޮށްލައިފި ކަމަށް އީރާނުގެ ސްޓޭޓް ޓީވީން ބުނެފި އެވެ.
އެމެރިކާ އިން ބުނި ގޮތުގައި އެގައުމުގެ ކަނޑުގެ ސިފައިންނަށް ނިސްބަތްވާ ދެއުޅަނދު އީރާނުން ހިފެހެއްޓީ ތަމްރީނު މިޝަނެއްގައި އުޅެނިކޮށް އޭގެ ތެރެއިން އެއް ބޯޓަށް މައްސަލައެއް ދިމާވެގެން ދެބޯޓު ހުއްޓިފައި އޮއްވަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާ ހަވާލާދީ އެގައުމުގެ ސްޓޭޓް ޓީވީން ބުނީ އެމެރިކާގެ ކަނޑުގެ ސިފައިން ދޫކޮށްލީ އެމީހުންނަށް އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީ "ގަސްތުގައި ނޫންކަން" ޔަގީން ވުމުންކަމަށެވެ. އަދި އެ ސިފައިން ވަނީ އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީތީ މާފަށް އެދިފައި ކަމަށެވެ.
އިއްޔެ ހައްޔަރުކުރުމަށް ފަހު މިއަދު ދޫކޮށްލި އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެނުންނާއި އެއް އަންހެނެކެވެ. (ބީބީސީ)