މޭޑިން މޯލްޑިވްސްގެ ނަމުގައި ލޯގޯއެއް ތައާރަފްކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ފެއާ ޓްރޭޑް ޑިރެކްޓާ އަހުމަދު މިގްދާދު ވިދާޅުވީ އެލޯގޯގެ މަގުސަދަކީ ރާއްޖޭގައި އުފައްދާތަކެތި ގަންނަ މީހުންނަށް ފާހަގަވާނެ ގޮތެއް ހެދުމާއި ރާއްޖޭގައި އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުން ކަމަށެވެ.

ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމާއި، ދިވެހި އުފެއްދުންތައް ޓޫރިޒަމް މާކެޓަށް ފުޅާކުރުމާއި އެކްސްޕޯޓްކުރާ ދިވެހި އުފެއްދުންތަކަކީ ދިވެހި އުފެއްދުންތަކެއްގެ ޔަގީންކަން އެލޯގޯގެ ސަބަބުން ހޯދައިދެވިގެންދާނެ ކަމަށް މިގްދާދު ވިދާޅުވި އެވެ.

"މިހާރު މިވާގޮތަކީ ސުވެނިއާ ޝޮޕްތަކުގައި މިހުންނަ އެއްޗެއްސަކީ ހަމަ ޔަގީކަންކޮށް ބުނާކަށް ނޭނގެ މޭޑިން މޯލްޑިވްސް ޖަހާފައި އިނަސް މިއީ ދިވެހި އުފެއްދުމެއްކަމެއް. އެހެންވީމާ އަޅުގަނޑުމެން މިމަސައްކަތް ކުރަނީމި މިކަހަލަ ލޯގޯއެއް ތައާރަފްކުރެވި މިނިސްޓްރީން އިންސްޕެކްޓް ކުރެވޭ އުސޫލެއްގެ ދަށުން ގެންގޮސްފިއްޔާ އެޔަގީންކަން ގަންނަ ފަރާތްތަކަށް ލިބިދެވޭނެ ގޮތަކަށް." މިގްދާދު ވިދާޅުވި އެވެ.

އެލޯގޯ ތައާރަފްވުމުން އެކަމަށް އެދި މިނިސްޓްރީ އަށް ހުށައެޅަން ޖެހޭނެ ކަމަށާއި އެ ލޯގޯ ބޭނުންކުރެވޭ އުސޫލެއް ގާއިމް ކުރަމުންދާ ކަމަށް މިގްދާދު ވިދާޅުވި އެވެ.