މިނެކިރުމަށް ބޭނުން ކުރާ އާލާތްތަކުގައި ސީލް ޖެހުމުގެ ހިދުމަތް ރާއްޖޭގެ ހަ ސަރަހައްދަކުން ދިނުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ފެއާ ޓުރޭޑް ޑިރެކްޓާ އަހުމަދު މިގްދާދު ވިދާޅުވީ މިހާތަނަށް ހަމައެކަނި ސީލް ޖަހައިދެމުން ގެންދިޔައީ މާލޭގައި ކަމަށާއި ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ރާއްޖޭގެ ހަ ސަރަހައްދަކުން އެ ހިދުމަތް ދެވިގެންދާނެ ކަމަށެވެ.

"ބަރުދަން ހަމަތޯ ބަލަން ގެންގުގުޅޭ ކައްޓާފަދަ ތަކެތި ދިގުމިން ހަމަތޯ ބަލަން ގެންގުޅޭ ފަތިގަނޑު ފަދަ ތަކެތި، އަދި ކޮޑުމިން ހަމަތޯ ބަލަން ގެންގުޅޭ ކޮންޓެއިނާފަދަ ތަކެތި ހަމަތޯ ބަލައި ސީލް ޖަހާދެވޭނެ އިނގޭތޯ،" މިގުދާދު ވިދާޅުވި އެވެ.

އެ ހިދުމަތް ދިނުމަށް ނިންމާފައި ވަނީ ހަ ރަށެއްގައި ގާއިމްކޮށްފައިވާ ބިޒުނަސް ސެންޓާތައް މެދުވެރިކޮށެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ.ކުޅުދުއްފުއްޓާއި ޅ. ނައިފަރުގެ އިތުރުން ދ.ކުޑަހުވަދޫ، އާއި ލ.ފޮނަދޫ އާއި ގދ، ތިނަދޫގެ އިތުރުން ސ. ހިތަދޫ އެވެ.

އެ ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެއްޗަކީ ވަރަށް އަގު ބޮޑުތަކެތި ކަމަށާއި ނަމަވެސް ޕުރޮޖެކްޓެއްގެ ދަށުން ބޭނުންވާ ވަރަށް ގިނަ އިކުއިޕްމެންޓް ލިބިފައިވާ ކަމަށް މިގްދާދު ވިދާޅުވި އެވެ.

ނެޝަނަލް މެތުއޮރިޖީ ލެބޯޓުރީގެ ނަމުގައި ލެބޯޓުރީއެއް ވަނީ ޕޮލިޓެކްނިކްގައި ގާއިމް ކުރެވިފައި ކަމަށާއި އެލެބޯޓުރީގެ މަސައްކަތަކީ ރަނގަޅު މިނެކިރުމުގެ އުސޫލެއް ގާއިމްކުރުން ކަމަށް މިގުދާދު ވިދާޅުވި އެވެ. އެލެބޯޓުރީއަށް 1.5 މިލިއަން ރުފިޔާގެ އިކުއިޕްމެންޓް ފޯރުކޮށްދީފައިވާއިރު އެލެބޯޓުރީއަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ލެބޯޓުރީއަކަށް ވެގެންދާނެ ކަމަށް މިގުދާދު ވިދާޅުވި އެވެ.

މިންއެޅުމާއި މިނެކިރުމުގެ ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިގުދާދު ވިދާޅުވި އެވެ.