މުޅިން އަލަށް އަންހެން ވޮލީ ލީގެއް މިއަހަރު ބާއްވަން ނިއްމައި ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ އަހަރީ ކަލަންޑަރު މިއަދު އިފްތިތާހުކޮށްފި އެވެ.

ވީއެއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހަރީ ކަލަންޑަރު އިފްތިތާހުކޮށްދެއްވީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިލްޔާސް ވަހީދު އެވެ.

މި އަހަރުގެ ވޮލީބޯޅަ ކަލަންޑަރުގައި ގިނަ މުބާރާތްތަކެއް ބޭއްވުމަށް ނިއްމާފާއިވާ އިރު ފެބްރުއަރީ މަހުގައި އޮންނާނީ ސާފު ގޭމްސް އާއި ބީޗް ވޮލީބޯލް ސްކޫލް ފެސްޓިވަލްގެ އިތުރުން ބީޗް ވޮލީބޯލް އިންޓަ ސްކޫލް މުބާރާތެވެ.

މާޗް މަހުގެ ތެރޭގައި މެލޭޝިއަން އިންވިޓޭޝަނަލް ޓޯނަމެންޓްގައި ގައުމީ ސީނިއާ ޓީމު ބައިވެރިވާ އިރު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތާއި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ އަންހެން ޑިވިޝަން ވެސް އޮންނާނީ މި މަސްތެރޭގަ އެވެ.

ވީއެމްގެ އެންމެ ގިނަ ހަރަކާތްތައް އޭޕްރިލް މަހުގެ ތެރޭގައި އޮންނަ އިރު ތައިލެންޑްގައި އޮންނަ އޭވީސީ ބީޗް ވޮލީބޯލް ޓުއާގައި ވޮލީ ޓީމް ބައިވެރިވާ އިރު ނިކޯން ސި ތަމަރަތު އޯޕަން މުބާރާތުގައި ވެސް ސީނިއާ ޓީމު ބައިވެރިވާނެ އެވެ. ހަމަ އެއާ އެކު ތައިލެންޑްގައި އޮންނަ ސޮންކްލާ އާއި އިންޑޮނީސިއާގައި އޮންނަ އޭވީސީ ބީޗް ވޮލީބޯލް ޓުއާ އަދި ޕަލަމްބެން އޯޕަންގައި ވެސް ގައުމީ ސީނިއާ ޓީމު ބައިވެރިވާނެ އެވެ. މީގެ އިތުރުން ކޫލް ވޮލީ ސްކޫލް ފެސްޓިވަލް އާއި އޭވީސީ ބީޗް ވޮލީބޯލް ޓުއާ ވެސް މި މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޓަ ކޮލެޖް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ޑިވިޝަން މޭ މަހުގެ ތެރޭގައި އޮންނަ އިރު ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ މާލޭ ޒޯންގެ އަންހެން ޑިވިޝަން ވެސް މި މަސްތެެރޭގައި އޮންނާނެ އެވެ.

ޖުލައި މަހުގެ ތެރޭގައި 20 އަހަރުން ދަށުގެ މިޔަންމާ އިންވިޓޭޝަނަލް ޓޯނަމެންޓް އާއި ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ކުޅުން ވެސް ޖުލައި މަސްތެރޭގައި ކުރިއަށްދާނެ އެވެ.

އޮގަސްޓް މަހުގައި އޮފީސް ކޮމްޕެނީ ބީޗް ވޮލީބޯލް ޓޯނަމެންޓްއާއި އޭވީސީ މެންސް ކްލަބް ޗެމްޕިއަންޝިޕް ކުޅުން އޮންނާނެ އެވެ.

ސޮނީ ސްޕޯޓްސް އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް ސެޕްޓެމްބަރު މަސްތެރޭގައި ކުރިއަށް ދިއުމަށް ތާވަލު ކުރެވިފައިވާ އިރު އިންޓަ ސްކޫލް ވޮލީބޯލް ޓޯނަމެންޓްގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ވެސް އޮންނާނެ އެވެ.

އޮކްޓޯބަރު މަސް ތެރޭގައި އޮންނާނީ ސޮނީ ސްޕޯޓްސް އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގު އެކަންޏެވެ. ނޮވެމްބަރުގައި ގައުމީ އަންހެން ވޮލީބޯޅަ ލީގް އާއި ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް ވެސް އޮންނާނެ އެވެ.

އަހަރުގެ އެންމެ ފަހު ތިން މުބާރާތް ޑިސެމްބަރުގައި އޮންނަ އިރު އެއީ ގައުމީ ފިރިހެން ވޮލީބޯޅަ ލީގް އާއި ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ އިތުރުން މައިލޯ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް އެވެ.