އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ލ. ގާދޫ މީހުން އެ އަތޮޅު ފޮނަދުއަށް ބަދަލު ކުރުމުގައި ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ނުވާ ކަމަށް ދެކެވެމުންދާ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ގާދޫ އިން ފޮނަދޫ އަށް ބަދަލުވި ބައެއް އާއިލާތަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަށުން މީހުން ބަދަލު ކުރުމުގައި ހުރިހާ އެއްޗެއް ބަދަލު ނުކުރެވޭތީ އެ އާއިލާތަކަށް ކައްކާ ކެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ.

ގާދޫ މީހުން ފޮނަދު އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

އަދި މުދާ ބަދަލު ކުރުމުގައި ވެސް އަމަލު ކުރަމުން ގެންދާ ގޮތުން، ބައެއް މުދާތައް ހަލާކުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ނަމަވެސް ގާދޫ މީހުން ފޮނަދޫ އަށް ބަދަލު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ހައުސިންގް މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މީހުން ބަދަލުކުރުމުގައި ހައުސިން މިނިސްޓްރީން ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާދީފައި ވާނެ ކަމަށެވެ.

ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

އެގޮތުން ގާދޫން ފޮނަދު އަށް މުދާ ބަދަލު ކުރުމުގައި ބޯޓަށް މުދާތައް އަރުވަނީ ވެސް އަދި ބާލަނީ ވެސް އާއިލާ މެމްބަރެއްގެ ހާޒިރުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ލޮރީތަކުގައި މުދާ އުފުލާ އިރު ވެސް މުދާތައް ލޮރީތެރޭގައި އަތުރަމުން އަންނަނީ ގެއްލުން ނުވާނެ ގޮތް ބަލައިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

އަދި ކައްކައި ކެވޭނެ ގޮތެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ކޮންމެ އާއިލާ އަކަށް ވެސް ތިން އިރު ކެވޭނެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސައިދީފައި ވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ކޮންމެ ގެއަކަށް ފަސް ލީޓަރުގެ ފެން ކޭހެއް ވެސް ފޯރުކޮށްދީފައި ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"ސްކޫލް ކުދިންގެ އިންޓަވަލް ވެސް ވާނީ މިނިސްޓްރީން ހަމަޖައްސައި ދީފައި،" އޭނާ ވިދާޅުވި އެވެ.

ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ގާދޫ ރައްޔިތުންގެ މުދާ ބަދަލުކުރުމުގައި ގެއްލުންތަކެއް ލިބި ބަދަލު ދޭން އެއްބަސްވި ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އޮފިޝަލް ވިދާޅުވީ، އެއީ ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށާއި ބަދަލު ދޭން ޖެހޭ ވަރުގެ ގެއްލުމެއް އެއްވެސް ރައްޔިތެއްގެ މުދަލަކަށް ވެފައި ނުވާ ކަމަށެވެ.

އަދި އިންތިޒާމުތަކާ މެދު ހިތްހަމަ ނުޖެހިގެން އެއްވެސް ފަރާތަކުން އެމްއެންޑީއެފް އަށް ނުވަތަ ހައުސިން އަށް ވެސް ޝަކުވާ ހުށަހަޅާފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

"އޮޕަރޭޝަން އެއްފަސް – ގާދޫ"ގެ ނަމުގައި އެމްއެންޑީއެފް އާއި ހައުސިން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 24 އާއިލާއެއް ވަނީ ފޮނަދޫ އަށް ބަދަލުކޮށްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ ގާދޫ ރައްޔިތުންގެ ތެރެއިން މިހާތަނަށް ޖުމުލަ 95 މީހަކު ފޮނަދު އަށް ބަދަލުކޮށްދިނުމުގެ އިތުރުން، ހިފާގެންގުޅޭ ގެވެހި ސާމާނުގެ ތެރެއިން 24 ލޮރީގެ ސާމާނު ފޮނަދު އަށް ގެންދެވި އާއިލާތަކަށް ހަވާލުކޮށްދެވިފައި ވާނެ ކަމަށެވެ. އޭގެ އިތުރުން ފޮނަދޫގައި، ގާދޫ ރައްޔިތުން އާބާދުވާ ސަރަޙައްދު އަލިކުރުމުގެ ގޮތުން ގާދޫގެ މަގުތަކުގައި ޖަހާފައިހުރި މަގު ބައްތިތަކުގެ ތެރެއިން 10 މަގުބައްތި ފޮނަދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ގާދޫ ރައްޔިތުން ފޮނުދޫއަށް ބަދަލު ކުރުމަށް ހިންގާ އޮޕަރޭޝަންގައި މުދަލާއި މީހުން އުފުލަމުންދަނީ އެމްއެންޑީއެފްގެ ދޯންޏެއްގެ އިތުރުން ހައުސިންގް މިނިސްޓްރީން ހަމަޖައްސާފައިވާ ކޮޅުވެއްޓިއެއްގެ އެހީގަ އެވެ.

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ގާދޫ މީހުން ފޮނަދު އަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، މިހާތަނަށް ނިމިފައި ވަނީ 85 ގޭގެ މަސައްކަތެވެ.

ފޮނަދުއަށް ބަދަލުވާ ގާދޫގެ ކޮންމެ އާއިލާއަކަށް ސަރުކާރުން 60,000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.