ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑަށް ސިނާއީ ބޭނުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިން އެޗްޑީސީ އިން އަތުލާފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި ހުޅުމާލޭ ކޯޓުން ހުކުމް ކޮށްފި އެވެ.

ހުޅުމާލޭ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ސިނާއީ ބޭނުމަށް 2005 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ފުރަތަމަ ދުވަހު ވިލާ ހަކަތައަށް ހުޅުމާލެއިން ބިމެއް ދޫކޮށްފައިވަނިކޮށް އެއްބަސްވުން އުވާލައި އެޗްޑީސީން އެ ބިން ނަގާފައި ވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ.

އެ އެއްބަސްވުން ބާތިލްކޮށް އެޗްޑީސީ އިން ވިލާ ހަކަތައަށް ފޮނުވާފައިވާ ސިޓީ އަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެމަތިން ބަލާ އިރު އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް އެ ހުކުމްގައިވެ އެވެ. އެހެންކަމުން އެ އެއްބަސްވުމަށް އިހުތިރާމްކޮށް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ހުޅުމާލޭ ކޯޓުން ވަނީ އެޗްޑީސީއަށް އަންގައިފަ އެވެ.

އެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން ވިލާ ހަކަތައަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެދި ދައުވާ ކުރުމުގެ ހައްގު އެކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް ހުޅުމާލޭ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.