ވޮޝިންޓަން (ޖަނަވަރީ 13): އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަކީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށުންނޫން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އޮބާމާގެ ރިޔާސީ ދެވަނަ ދައުރުގައި ދެއްވާ ސްޓޭޓް އޮފް ދި ޔުނިޔަންގެ އެންމެ ފަހު ތަގްރީރުގައި އޮބާމާ ވިދާޅުވީ އައިއެސް އަކީ ދައުލަތެއް ނޫންކަމަށާ އެއީ ބަދަލުހިފުމުގެ ރޫޙެއްގައި މީހުންމަރައި މަގުފޭރުގެ އަމަލުތައް ހިންގާ މުޖްރިމުންގެ ބައިގަނޑެއް ކަމުގަ އެވެ. ޒާތީއަދި މަޛްހަބީ ތައައްސުބުން ފުރިފައިވާ އެޖަމާއަތް ބަލިކުރެވޭނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއްނޫން ކަމަށާއި ތިން ވަނަ ބޮޑުހަނގުރާމައަކަށް މަގުފަހި ކުރުމުގެ ގާބިލްކަން އައިއެސް އަށް ލިބިފައިނުވާ ކަމަށް އޮބާމާ ވިދާޅުވި އެވެ.

އޮބާމާގެ ސްޓޭޓް އޮފް ދި ޔުނިޔަންގެ ތަގްރީރުގައި އެމެރިކާގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވާ ބައެއް ކެންޑިޑޭޓުން މުސްލިމުންނާ ދެކޮޅަށް ދެއްވާ ހަރުކަށި ބަޔާންތަކާއި ތަގްރީރުތަކާ ގުޅިގެން އެބޭފުޅުންނަށް ވެސް ފާޑުވިދާޅުވި އެވެ. އޮބާމާ ވިދާޅުވީ އެމެރިކާގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވާ "ހިކިހިއްވަރުގެ" ބައެއް ކެންޑިޑޭޓުން މުސްލިމުންނާ ޖައްސާލައި އަދި މުސްލިމުންނާ ދުޝްމަން ވުމުގެ ރޫހުގައި ދެއްވާ ހަރުކަށި ބަޔާންތަކުގެ ސަބަބުން އެމެރިކާގެ އަގުތަކާއި އެމެރިކާގެ އައިޑެންޓިފިކޭޝަން ގެއްލިގެންދާ ކަމުގައެވެ. މިއީ އެމެރިކާގެ އުންމަތަށް ޚިޔާނާތްތެރިވުން ކަމަށްވެސް އޮބަމާ ސިފަކުރެއްވި އެވެ. އޮބާމާގެ ވާހަކަތައް އިޝާރާތް މިކުރައްވަނީ އެމެރިކާގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވާ ހަރުކަށި ޚިޔާލުގެ ޑޮނަލްޑް ޓްރަމްޕް އަށް ކަމަށް ވަނީ ބެލެވިފަ އެވެ.
އޮބާމާ ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބަޔާންތައް ދިނުމުގެ ސަބަބުން ފުރްސަތު ލިބެނީ އައިއެސް ޖަމާއަތާއި އެޖަމާއަތަށް ވާގިވެރިވާ ފަރާތްތަކަށް ކަމުގަ އެވެ. އައިއެސްއާ އިސްލާމް ދީނާ ގުޅުންނެތް ކަމަށް މީގެ ކުރިން ވެސް އޮބާމާ ވިދާޅުވެފައިވެ އެވެ. ޓްރަމްޕް ވަނީ އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރުމަށް ގޮވާލައްވާފައެވެ. އަދި މެކްސިކޯ އިން އެމެރިކާ އަށް ވަންނަ މުހާޖިރުން ހުއްޓުވުމަށްޓަކައި މެކްސިކޯއާއި އެމެރިކާއާ ދެމެދު ބޮޑު ފާރެއް ބިނާކުރުމަށް ވެސް ޓްރަމްޕް ވަނީ ގޮވާލައްވާފަ އެވެ. މިއީ ހައްދު ފަހަނަޅާފައިވާ ގޮވެލިތަކެއް ކަމަށް އޮބާމާ ވަނީ ސިފަކުރައްވާފަ އެވެ.

އެމެރިކާގެ ބައެއް ފަރާތްތަކުން ޓްރަމަޕް ސިފަކުރަނީ ދުނިޔޭން މޮޔަނުވެ ހުރި މޮޔައެއްގެ ގޮތުގަ އެވެ. އޮބާމާ ވަނީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޓްރަމްޕަކީ ކުފޫ ހަމަނުވާ ބޭފުޅެއްކަމަށް ސިފަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)