ކޮކާކޯލާ ކުންފުނީގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށްޓަކައި އެ ކުންފުނިން ބޭނުންކުރާ އައު ސްލޯގަން އިފްތިތާހު ކުރުމުގެ ގޮތުން ރޭ ހެދި ގޮނޑުދޮށުގައި ހާއްސަ ޝޯއެއް ބާއްވައިފި އެވެ. "ބްރްރްރް" ކެމްޕޭންގެ ނަމުގައި ކޮކާކޯލާ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަން ފެށުމުގެ ގޮތުން ރޭ 9 ޖެހި އިރު ފެށި ޝޯ ނިންމާލީ 12 ޖަހާ އެހާކަންހާއިރު އެވެ.

"ބްރްރްރް" ކެމްޕެއިން ލޯންޗް ކުރުމުގެ ގޮތުން ރޭ ބޭއްވި މިއުޒިކް ޝޯގައި ރާއްޖޭގެ މަޝްހޫރު ބޭންޑްތަކެއް ކަމަށްވާ ޓްރެފިކް ޖޭމާއި ޔެސީގެ އިތުރުން ފުރަދަން ބޮޑުބެރު ގްރޫޕް ބައިވެރިވި އެވެ.

ކޮކާކޯލާ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކޮކާ ކޯލާއިން ފެށި ކެމްޕޭންގެ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.