ތުރުކީގެ ސުލްތާން ޢަހްމަދު ޑިސްޓްރިކްޓް އަދި ޕާކިސްތާންގެ ކުއެއްތާ ސިޓީއަށް ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދެ ގައުމުގެ ރައީސުންނަށް ރައީސް އަބްދުﷲ ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ ހަމްދަރުދީގެ މެސެޖުގައި ދެ ގައުމުގައި ދިން ހަމަލާގެ ހަބަރު ވެސް އެއްސެވީ ކުއްލި ހައިރާންކަމަކާއި ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެ އެވެ.

އެގޮތުން ޕާކިސްތާނައި ތުރުކީގައި ހިންގި ޓެރަރިޒަމްގެ ފިނޑި އަމަލު، އެމަނިކުފާނު ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެ އިން އަބަދު ވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ ތުރުކީ އަދި ޕާކިސްތާނަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ދެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.

ތުރުކީގައި ދިން ބޮމުގެ ހަމަލާގައި މަދުވެގެން 10 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ޖަރުމަނު ވިލާތުގެ ފަތުރުވެރިންތަކެއް ކަމަށް ތުރުކީގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. މީގެ އިތުރުން މަދު ވެގެން 15 މީހަކަށް ވަނީ ޒަޚަމް ވެފަ އެވެ.

ޕާކިސްތާނުގައި ދިން ހަމަލާގައި މަދުވެގެން 15 މީހަކު މަރުވެފައިވާ ކަމަށް ހަބަރުތައް ބުނާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

ޕާކިސްތާނުގައި ހަމަލާ ދީފައި ވަނީ ލިއޯ ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ޑިއުޓީއަށް ރިޕޯޓު ކުރަމުން ދިޔަ ވަގުތާ ދިމާކޮށްފައި ކަމަށް ވުމުން، އެ ހަމަލާ އަކީ ކުޑަކުދިންނަށް ވެކްސިން ދިނުމާ ދެކޮޅު ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރިންގެ ހަމަލާއެއް ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.