އެކަނިވެރި މައިން ނުވަތަ ބަފައިންނާއި ފަގީރު ހާލުގައި ދިރިއުޅޭ އަދި ގާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދައުލަތުންދޭ މާލީ އެހީ ހޯދުމަށް އެދި މިހާރު ހުށައަޅަމުން އަންނަ ފޯމު މުރާޖައާކޮށްފައިވާ ކަމަށް އެންސްޕާއިން ބުނެފި އެވެ.

އެގޮތުން އެ ހިދުމަތް ހޯދުމަށް މިހާރު ހުށައަޅަން ޖެހޭނީ "ފަގީރު ހާލުގައި ދިރިއުޅޭ މައިން، ބަފައިން ބަލަހައްޓާ ކުދިންނަށް މާލީ އެހީއަށް އެދި ހުށައަޅާ ފޯމު" ނުވަތަ "ފަގީރު ހާލުގައި ގާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށައަޅާ ފޯމު" ކަމަށް އެންސްޕާއިން ބުނެ އެވެ.

އަދި އެ ދެ ފޯމު މިހާރު އެންސްޕާ ކައުންޓަރުންނާއި އަތޮޅު ތެރޭ ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އެ އެޖެންސީ ބުނެ އެވެ.

ހަމައެހެންމެ ކުރީގައި ބޭނުންކުރަމުން އަންނަ "ދައުލަތުގެ އެހީ އަށް އެދޭ ފޯމު" މާދަމާ އާ ހަމައަށް އެންސްޕާއިން ބަލައިގަތް ނަމަވެސް، އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ޖެހޭނީ އަލަށް މުރާޖައާކޮށްފައިވާ ފޯމތައް ކަމަށް އެންސްޕާ އިން ބުނެ އެވެ.

އެންސްޕާ އިން ބުނީ، މިހާރު ބޭނުން ކުރަމުން އަންނަ ފޯމު މުރާޖައާ ކުރީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.