މާލޭގެ ހުޅަނގު ބަނދަރުގައި ވިޔަފާރިވެރިން ހިންގަމުން އަންނަ ކެފޭތައް ނަގައި، އެތަނުގައި ޒަމާނީ 'ފުޑްކޯޓް'ތަކެއް ހިންގަން ދައުލަތުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ ހަވާލުކޮށްފި އެވެ.

ފުޑްކޯޓްތަކަކާއި ޕާކިން ޒޯންތަކަކާއި ދެ ފާހާނާ ބަރި ހެދުމަށް ހުޅަނގު ބަނދަރު ސަރަހައްދު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަހީރެވެ.

އެއްބަސްވުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒުވިދާޅުވީ ފުޑްކޯޓްތައް ތަރައްގީ ކުރުމުން އެ ސަރަހައްދު ވަރަށް ހިތްގައިމު މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.

"... ވަރަށް ރީތި، ޒަމާނީ، ހިތްގައިމު މަންޒިލަކަށް އިރާދަކުރެއްވިއްޔާ މިތަން ބަދަލުވެގެން މިދަނީ. އެތަނުގެ ކުރިމަތީގައި މިހާރު ހެދިފައި އެވާ ޕާކާ ވެސް ގުޅޭ ގޮތަކަށް، ވީހާ ވެސް އެސަރަހައްދުގެ އެމްބިއަންސާ ގުޅޭ ގޮތަކަށް ތަރައްގީވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ހުޅަނގު ބަނދަރު ސަރަހައްދުގައި ފުޑްކޯޓް ތަރައްގީ ކުރާނީ ބަދިގެތަކެއް ހުރެފައި ދެފަރާތުން ވެސް ވަދެވޭ ގޮތަށް، މީހުން އިށީނދެ ތިބުމަށް ބޮޑު ސަރަހައްދެއް އޮންނަ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ރޮޓަރީ އުސޫލުން ވެހިކަލް ޕާކް ކުރާނެ ދެ ސަރަހަދެއް ވެސް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތަރައްގީކޮށް ނިމުމުން އެތަނުގައި ހުންނާނީ 25 ނުވަތަ 27 ސްޓޯލެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ޝަހީރު ވިދާޅުވީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ. ފުޑްކޯޓްތައް ހިންގަން އެކި ފަރާތްތަކަށް ދޫކުރާނެ އުސޫލެއް އެސްޓީއޯ އިން ފަހުން ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"...އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަ މަސްދުވަހުގެ ތެރޭގައި މިތަން ޑިވެލޮޕްކޮށް ނިންމާނަން. ދެން މިތަން ޑިވެލޮޕްކުރުމުގައި އަޅުގަނޑުމެން ބޮޑަށް ބަލާނީ މިހާރު ވެސް ފުޑްކޯޓްތައް ބޭނުންކުރާ އާއްމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ދެ ފޭސް އަކަށް ބަހާލައިގެން،" ޝަހީރު ވިދާޅުވި އެވެ.