13 Jan 2016, 13:17
އާ އަހަރަކަށް ސްކޫލްތައް މިއަދު ހުޅުވައި ކިޔަވައިދޭން ފަށާފައިވާ އިރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ދަރިވަރުން ސްކޫލަށް ގޮސްފައި ވަނީ ކުލަހެދުމުގަ އެވެ. ސަބަބަކީ ޔުނީފޯމް އަދި ނުލިބުމެވެ.
އެސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް މިއަދު ސަން އަށް ވިދާޅުވީ އެ ސްކޫލު ކުދިންނަށް ބޭނުންވާ ޔުނީފޯމް ގެންނަނީ ރާއްޖެ އިން ބޭރުން ކަމަށާއި އެ ޔުނީފޯމްތައް ލިބޭނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކަމަށެވެ.

ގިޔާސުއްދީން ސްކޫލުގެ ކުދިން މިއަދު އެސެމްބަލީގައި އާދައިގެ ހެދުމުގައި - ސަން ފޮޓޯ: އަހުމަދު މުޖުތަބާ
"ކިޔަވައިދިނުންތާ މުހިންމީ، ޔުނީފޯމް އެބަލިބޭ. 13 ވަނަ ދުވަސް ބަންދު ނުކުރާންވެގެން ކިޔަވައިދޭން ފެށީ. އެކި ދުވަސް ދުވަހު އެބަ އާދޭތާ ކުލަހެދުމުގައި." ތޯހާ ވިދާޅުވި އެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުދިންނަށް ޔުނީފޯމްތައް ބަހައި އަންނަ ހަފްތާގެ ތެރޭގައި ޔުނީފޯމްގައި ހުރިހާ ކުދިންނަށް ސްކޫލަށް އާދެވޭ ވަރުވާނެ ކަމަށް ތޯހާ ވިދާޅުވި އެވެ.

ގިޔާސުއްދީން ސްކޫލުގެ ކުދިން މިއަދު އެސެމްބަލީގައި އާދައިގެ ހެދުމުގައި - ސަން ފޮޓޯ: އަހުމަދު މުޖުތަބާ
މީގެކުރިން މާލޭގައި ފަހާ ޔުނީފޯމް ރާއްޖެ އިން ބޭރުން ގެންނަން ނިންމީ މާލެއިން ޔުނީފޯމް ނުލިބޭ ކަމުގެ ޝަކުވާ ލިބެމުން ދިއުމުން ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.
ސްކޫލްތައް ހުޅުވައި ކިޔަވައިދޭން މިއަދު ފަށާފައިވާ އިރު މާލޭގެ ގިނަ ސްކޫލްތަކެއްގެ ޔުނީފޯމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ނަމަވެސް ގިޔާސުއްދީން ސްކޫލުގެ ޔުނީފޯމަކަށް ބަދަލެއް ނާދެ އެވެ.