13 Jan 2016, 13:26
މާލޭގެ ހުޅަނގު ދެކުނު ފަރާތުން ކަޅުތުއްކަލާ ކޮށްޓާ ދިމާ ފަޅުތެރެއިން ބައެއް ހިއްކައިގެން ސިނާއީ ސަރަހައްދެއް ތަރައްގީ ކުރަން ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.
ދައުލަތުގެ ބަޖެޓުން 159 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބުރާހީމް ޢަބުދުއް ރައްޒާޤު ޙަލީމެވެ.

މާލޭގައި ތަރައްގީ ކުރާ ސިނާސީ ސަރަހައްދު އޮންނާނެ ސަރަހައްދު ދައްކައިދޭ ކުރެހުންތަކެއް. ސަން ފޮޓޯ: މުޙައްމަދު ނަސީމު
އެމްޓީސީއާ މަސައްކަތް ހަވާލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ "މާލޭ އިންޑަސްޓްރިއަލް ވިލެޖް"ގެ ނަމުގައި ތަރައްގީ ކުރާ އެ ސަރަހައްދުގެ ބޭނުމަކީ މާލެތެރޭގައި ކުރަމުން އަންނަ ސިނާސީ ބައެއް މުހިއްމު މަސައްކަތްތައް އެސަރަހައްދަށް ބަދަލުކުރުން ކަމަށެވެ. އެތަނުގައި ކުރާނެ އެންމެ ބޮޑު މަސައްކަތަކީ ކުނި މެނޭޖްކުރުން ކަމަށް ވެސް މިނިސްޓަރު މުޢިއްޒު ވިދާޅުވި އެވެ.
"... އެކަމަށް ބޭނުންވާ ބިން ކަނޑައެޅި ސީދާ އެދިމާލުން އުފުލިބާޖްތައް ކައިރިކުރެވޭ ގޮތަށް ފަރުމާކުރެވިފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.
ސިނާއީ ސަރަހައްދުގެ އަނެއް ބޭނުމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރުމަށް އެކަށީގެންނުވާ މަސައްކަތްތައް ކުރަމުން އަންނަ ތަންތަން އެތަނަށް ބަދަލުކުރުމެވެ.
"... އެގޮތުން ލަކުޑި ގުދަންތަކާ، ބައެއް ކަހަލަ މެޓަލް ވޯކްޝޮޕްސް، ނޭވާލުމުގެ ނިޒާމަށް ގެއްލުންވާ، ނުރައްކާވާ ކަހަލަ އެކި ކަހަލަ ކަހަލަ މަސައްކަތްތައް ހިންގާ ތަންތަން އެބަހުރޭ، އެތަންތަން އެބަޖެހޭ، މިހާ ތޮއްޖެހިފައި އޮންނަ ތަނެއްގެ ތެރޭގައި ނުބަހައްޓާ، އެހެން ނަމަވެސް އެމީހުންނަށް ވެސް ބިން ލިބޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ ގޮތްތަކެއް ވާން،" މިނިސްޓަރު ވިދާޅުވި އެވެ.
ތާރު އަޅައިގެން ތަރައްގީކުރާ މަގުތަކަކާއި ފެހި ސަރަހައްދުތަކެއް ވެސް ހިމެނޭ ގޮތަށް ގާއިމްކުރާ ސިނާއީ ސަރަހައްދުން ބިން ދޫކުރާނެ އުސޫލު ފަހުން އިއުލާން ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސިނާއީ ސަރަހައްދު ތަރައްގީކުރުމަށް ދައުލަތުން ކުރާ ހަރަދު އެ ސަރަހައްދުން ބިން ކުއްޔަށްދީގެން ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...މިހަރަދަކީ އިންވެސްޓްމެންޓެއް. އެ ހަރަދަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިތަނުން ބިން ކުއްޔަށް ދީގެން ގިނަ ވެގެން ހަތަރު އަހަރުދުވަހުގެ ތެރޭގައި، އެކުރެވުނު ހަރަދު ރިކަވާ ކުރެވޭނެ ހަރަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.