13 Jan 2016, 12:38
އިދިކޮޅު އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަދި އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ، އިބްރާހިމް ހުސައިން ޒަކީ އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ޒަކީ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ޕާޓީން ވަކިވެވަޑައިގަތީ ދިރިއުޅުން ދާއިމީ ގޮތަކަށް ރާއްޖެ އިން ބޭރަށް ބަދަލުކުރެއްވުމާ ގުޅިގެން ކަމަށެވެ.
ޒަކީގެ ބަޔާނުގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެ ޕާޓީގެ މެމްބަރުން ޒަކީއަށް ކުރި އިތުބާރާއި ތާއީދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޒަކީ ސިޔާސީ ދާއިރާ އިން ދުރަށް ދިޔަކަން އިއުލާން ކުރައްވާފައި ވަނީ 2012 ވަނަ އަހަރު އެވެ. އަދި އިންޑިއާގައި ހުންނަވައި ރާއްޖޭގައި އޮތީ "އަނިޔާވެރި" ވެރިކަމެއް ކަމަށާއި ރާއްޖޭގައި ޑިމޮކްރަޓިކް ސަރުކާރެއް ގާއިމު ނުވަނީސް ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް ޒަކީ ވަނީ އޭރު ވިދާޅުވެފަ އެވެ.
ަނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޒަކީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ޒަކީ އިންޑިއާ އަށް ވަޑައިގެންފައި ވަނީ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުންނާއި އިތުރު ބަޔަކާ އެކު ހދ. ހޮނޑައިދޫގައި ބަނގުރާ ބޯންތިބިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދަނިކޮށް ބޭސް ފަރުވާއަކަށްކަމަށް ވިދާޅުވެ އެވެ.
ޒަކީ ވަނީ އެމަނިކުފާނުގެ ދިގު ސިޔާސީ ހަޔާތުގައި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ވަޒީރުކަން ކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި ހާއްސަ މަޖިލީހުގެ މެންބަރު ކަމާއި އެމްޑީޕީގެ ނައިބް ރައީސް ކަމާއި ވަގުތީ ރައީސް ކަމުގެ އިތުރުން ސާކްގެ ސެކެޓްރީ ޖެނަރަލްގެ މަގާމު ދެ ދައުރު ވަނީ ފުރުއްވައިފަ އެވެ.
ދައުލަތަށާއި ދިވެހި ގައުމަށް ޒަކީ ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަ ކުރެއްވުމުގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނަށް ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު ވެސް އަރުވައިފަ އެވެ.
ޒަކީގެ ބަޔާނުގައި ވަނީ އެކި ބޭފުޅުންގެ ވެރިކަމުގައި ވެސް ދައުލަތަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވާފައި ވުމުން، އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ވަރުގަދަ ކުރައްވައި ދިވެހި ރައްޔިތުންނަށް ހަމަޖެހުމާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޒަކީ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތަށް ބަލާލުމުން، ގައުމު ބިނާކުރުމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޒުވާނުންނަށް ދިނުމަކީ ގައުމަށް ހެޔޮ އެދޭ އުމުރުން ދޮށީ ކޮންމެ ސިޔާސީ ލީޑަރެއްގެ ވާޖިބެއް ކަމަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.