ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަންމަ، ޝަހީމާ މުހައްމަދާއި ބައްޕަ، އަބްދުލް ޣަފޫރުގެ ބީއެމްއެލް އެކައުންޓް ފްރީޒްކޮށްފި އެވެ.

އަދީބުގެ މަންމަ ޝަހީމާ "ސަން"އަށް މިއަދު ވިދާޅުވީ އޭނާގެ ބޭންކް އެކައުންޓް ފްރީޒްކޮށްފައިވާކަން ފުލުހުން އަންގާފައިވާ ކަމަށާއި ވަރަށް އަވަހަށް ބޭންކް އެކައުންޓް ދޫކުރާނެ ކަން ފުލުހުން ބުނި ކަމަށެވެ.

"އަޅުގަނޑާއި ޣަފޫރުގެ އެކައުންޓް ފްރީޒްކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން. ދެން ޖެހޭނީ ބަލާލަން މިހާރު އެކައުންޓް ދޫކޮށްފައި ވޭތޯ. ކުރިން ބެލި އިރު ފްރީޒްކޮށްފައި ވަނީ،" އަދީބުގެ މަންމަ ޝަހީމާ ބުންޏެވެ.

ޝަހީމާ ވިދާޅުވީ ބޭންކް އެކައުންޓް ފްރީޒް ކުރި ދުވަހެއް ހަނދާނެއް ނެތް ކަމަށެވެ. މަންމަ އާއި ބައްޕަގެ އެކައުންޓްގައި ހުރި ފައިސާގެ އަދަދެއް ވެސް ޝަހީމާ ވިދާޅެއް ނުވެ އެވެ.

ސެޕްޓެމްބަރު 28، 2015، ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ ތުހުމަތަށް އޮކްޓޫބަރު 24، 2015،ގައި އަދީބު ހައްޔަރު ކުރުމަށް ފަހު އަދީބުގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށްފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި އަދީބުގެ ބައެއް އަނބިކަނބަލުންގެ ބޭންކް އެކައުންޓް ވެސް ފްރީޒްކޮށްފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން ސަން އަށް ކިޔައިދިން ގޮތުގައި އަދީބުގެ ބޭންކް އެކައުންޓުތަކާ އެކު އޭނާގެ ހަގު އަނބިކަނބަލުން އައިޝަތު ނަޝްވާގެ ބޭންކު އެކައުންޓް ވަނީ ފްރީޒްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަދީބުގެ މަންމައާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ. އަދި ސަރުކާރުން ވެސް އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ނުކުރެއްވި އެވެ.