އަށާރަ އަހަރުގެ މެދު ކެނޑުމަކަށް ފަހު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އަނެއްކާ ވެސް ގްރޭޑް އެކެއް އުފައްދައި ކިޔަވަދޭން މިއަދު ފަށައިފި އެވެ.

އަހުމަދިއްޔާގެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ، ދިގު މުއްދަތަކަށް ފަހު އަހުމަދިއްޔާގައި ގްރޭޑް އެކެއް އުފެއްދީ އެ ސްކޫލްގެ މުސްތަގުބަލަށް ވިސްނައި، ތިރީ ގްރޭޑްތަކުން މަތީ ގްރޭޑްތަކަށް ދާނެ ދަރިވަރުންތަކެއް އުފެއްދުމަށް ކަމަށެވެ.

އެގޮތުން މި އަހަރު ގްރޭޑް އެކެއްގައި 100 ދަރިވަރުން ކިޔަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަހުމައްދިއްޔާ އިން ތިރީ ގްރޭޑުތަކުން މަތީ ގްރޭޑްތަކަށް، އޯލެވެލް އަދި އޭ ލެވެލް އަށް ދަރިވަރުން ގެންދިއުމަށް. އެއީ ކުރިމަގަށް މުހިއްމު ކަމަކަށް ވާތީ... ގްރޭޑް އެކެއްގެ ހަތަރު ކުލާހުގައި ގާތްގަނޑަކަށް 100 ހާ ކުދިން ތިބޭނެ، ޖާގަ ފުލްކޮށް އޮތީ..."، ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަހުމަދިއްޔާ ސްކޫލްގައި މީގެ ކުރިން ހިންގަމުން ދިޔަ ޕްރައިމަރީ ގްރޭޑުތައް އުވާލީ އަތޮޅުތަކުން ސްކޫލަށް އަންނަ ކުދިންގެ އަދަދު މަދުވުމުން ކަމަށެވެ.

"އަތޮޅުތަކުން ކުދިން އަންނަ އަދަދު މަދުވެ އަހުމަދިއްޔާ އަށް ކުދިން ނުލިބޭތީ، އޭރު އަޅުގަނޑުމެން ޕްރައިމަރީ ކްލާސްތައް އުވާލަމުން ގެންދިޔަ އިރު، ފަހަރަކު ގުރޭޑެއް އުވާލަމުން ގޮސް ގުރޭޑު އެކެއްވެސް އުވުނީ"، ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަހުމަދިއްޔާ ސްކޫލްގެ މި އަހަރުގެ ވެސް އަމާޒަކީ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ. އެގޮތުން އިތުރު ހަރަކާތްތައް ވެސް ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންގޮސް، ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނު އިރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޔުނީފޯމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ހަމައެހެންމެ ޕްރީ ސްކޫލް ވެސް ހިމެނޭ ގޮތަށް އެ ސްކޫލްގައި މި އަހަރު 2700 ދަރިވަރުން ކިޔަވާނެ އެވެ.