ދިރާސީ އާ އަހަރަކާ ބައްދަލު ކުރި އިރު، ތައުލީމީ ދާއިރާ ޒަމާނާ ފައިހަމަ ކުރާ ހެޔޮ ބަދަލުތަކަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން، މިނިސްޓަރު ޓީވީ މެދުވެރިކޮށް ދެއްވި ހިތާބުގައި ވިދާޅުވީ އިލްމީ، ގާބިލް، ހަރުދަނާ ޒުވާނުންތަކެއް ބިނާ ކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ކިޔެވުން ފެށިގެން އައި އިރު ކީ ސްޓޭޖް ދޭއްގައި ހިމެނޭ ގްރޭޑް ހަތަރެއް ފަހެއް އަދި ހައެއްގެ ދަރިވަރުން ކިޔަވަމުން ގެންދާނީ މިހާރު ތައާރަފުކޮށްފައިވާ މަދްރަސީ ތައުލީމުގެ ގައުމީ މަންހަޖަށް ތައްޔާރުކޮށްފައިވާ ފޮތްތަކުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މި ބަދަލާ އެކު ފައުންޑޭޝަން ސްޓޭޖުން ފެށިގެން، ކީ ސްޓެޖް ދެއަކާ ހަމައަށް ހިމެނޭ ހުރިހާ ގްރޭޑަކަށް މަދުރަސީ ތައުލީމުގެ ގައުމީ މަންހަޖު ތަންފީޒު ކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލަކީ، އަމިއްލަ ނަފްސަށް އިތުބާރު ކުރާ ގައުމިއްޔަތަށް ލޯބި ހުރި، ދީނީ ކަންކަމަށް ސަމާލުވާ، ދިރިއުޅުމުގެ ސިފަތައް އަށަގެންފައިވާ ބަދަލުވަމުން އަންނަ ދުނިޔެ އަކަށް ހޭލުންތެރި، ހުނަރުވެރި ދަރިވަރުންތައް ބިނާ ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، މުދައްރިސުންގެ އިލްމީ ގާބިލުކަން އިތުރު ކުރުމަށް ކުރެވުނު މަސައްކަތުން، މިހާރު ސްކޫލުތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ވެސް އެންމެ ދަށްވެގެން ޑިޕްލޮމާއެއް އޮތް ޓިޗަރުން ކަމުގައި ހެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅުވާލެވި، ދޭން ޖެހޭ ފަންނީ ތައުލީމުގެ މަސައްކަތް އިތުރު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރުގެ ހިތާބުގައި އެންމެ ކުއްޖެއް ވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މިއަހަރު ވެސް ގިނަ އިތުރު ފުރުސަތުތަކެއް ދަރިވަރުންނަށް ތަނަވަސް ކޮށްދެވިގެންދާނެ ކަމަށާއި މަތީ ތައުލީމުގެ މަރުހަލާއަށް ދިއުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މި އަހަރުގެ ތެރޭގައި ވެސް ހުޅުވާލެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހަމައެއާ އެކު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެހެން ކުދިންނާ އެކުގައި ކިޔެވޭނެ ފުރުސަތު ފަހިކޮށް ދިނުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން އިތުރަށް ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތަކުގެ ދަރުވަރުންނަށް ސްޕޯޓްސް ސްކޮލަޝިޕެއް ތައާރަފު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަނާގެ ހިތާބުގައި ވަނީ، ތައުލީމީ ދާއިރާއަށް ކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވި ގިނަ ކަންތައްތަކެއް ފުރިހަމަ ވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.